ކޮރޯނާވައިރަހުގެ ނުރައްކާ ބުނެދޭން ހެލްމެޓެއް

އިންޑިއާގެ ފުލުހަކު ކޮރޯނާ ވައިރަސް ހެލްމެޓް ޑިއުޓީގައި ބޭނުންކުރަނީ--- ފޮޓޯ:ސީއެންއެން

ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންކޮށްފައިވާ އަވަށްޓެރި އިންޑިއާގެ ފުލުހަކު، މީހުން ގޭގައި ތިބުމަށް ނަސޭހަތްތެރިވުމަށް ހާއްސަ ހެލްމެޓެއް ބޭނުންކޮށްފި އެވެ.

ކޮރޯނާ ވައިރަސް ހެލްމެޓްގެ ނަމުން މީޑިއާތަކުގެ ސަމާލުކަން ހޯދާފައިވާ މި ހެލްމެޓް ބޭނުންކޮށްފައިވަނީ އިންޑިއާގެ ޗެންނާއީގެ ފުލުހެއް ކަމުގައިވާ ރަޖޭޝް ބާބޫ އެވެ. އޭނާ މި ހެލްމެޓް ބޭނުންކުރަނީ މަގުމަތީގެ ޗެކްޕޮއިންޓްތަކުގައި ހިނގާމީހުންނާއި ވެހިކަލްތައް ހުއްޓުވުމުގެ ގޮތުންނެވެ.

ކޮރޯނާވައިރަހުގެ މައިކްރޯސްކޮޕިކް އިމޭޖް ދައްކުވައިދޭ މި ހެލްމެޓަކީ ޗެންނާއީގެ އާޓް ކިންޑޮމްގެ ފައުންޑާ އަދި އާޓިސްޓެއް ކަމުގައިވާ ގޯތަމް ޑިޒައިންކޮށްފައިވާ ހެލްމެޓެކެވެ. އޭނާ މި ހެލްމެޓް ޑިޒައިންކުރީ އާންމުންގެ މެދުގައި ކޮރޯނާވައިރަހަށް ލިބެންޖެހޭ ސަމާލުކަން ނުލިބޭތީ އެކަމަށް މީހުން ހޭލުންތެރިކުރުމަށް ކަމަށް ބުނެފައިވެ އެވެ.

އިންޑިއާގެ ފުލުހަކު ކޮރޯނާ ވައިރަސް ހެލްމެޓް ޑިއުޓީގައި ބޭނުންކުރަނީ--- ފޮޓޯ:ސީއެންއެން

ގޯތަމް ބުނާގޮތުން މީހުންގެ މެދުގައި ސާފުތާހިރުކަން ވަރަށް މަދެވެ. އަދި ސަރުކާރުން މަގުތަކަށް ނުކުތުން މަނާކޮށްފައިވިޔަސް، އެފަދަ ކަންކަމަށް މީހުންގެ ވަރަށް ވެސް ފަރުވާ ކުޑަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުން ބޯލެނބުން މިހާ މަދުވެގެން މިއުޅެނީ ކޮރޯނާވައިރަހަކީ ލޮލަށް ނުފެންނަ އެއްޗަކަށް ވުމުން ކަމުގައި އޭނާ ދެކެ އެވެ. އެހެންކަމުން އޭނާގެ މި ހެލްމެޓްގެ މަގްސަދަކަށްވީ މީހުންގެ ސަމާލުކަން ހޯދާ ކޮވިޑް19 ގެ ނުރައްކާތެރިކަން މީހުންގެ ހިތްތަކުގައި އުފެއްދުން ކަމުގައި ގޯތަމް ބުންޏެވެ.

އިންޑިއާ ލޮކްޑައުން ހާލަތުގައި އޮތްއިރު ހެލްމެޓް ހެދުމަށްވެސް އޭނާޖެހުނީ އުފެއްދުންތެރި ހިޔާލެއް ގެންގުޅޭށެވެ. މިގޮތުން ހެލްމެޓްގެ ސްޕައިކްތައް އޭނާ ތައްޔާރުކޮށްފައިވަނީ ނޫސްކަރުދާހާއި ޓިޝޫ އިންނެވެ.

ހެލްމެޓް ޑިޒައިންކޮށް ތައްޔާރުކުރުމަށްފަހު ގޯތަމް އެ ހަދިޔާކުރީ އޭނާ އާއި އެންމެ ކައިރި ޕޮލިސް ސްޓޭޝަނަށެވެ.

ހެލްމެޓް ބޭނުންކޮށްގެން ޑިއުޓީ އަދާކުރި އޮފިސަރު ރާޖޭޝް ބުނާގޮތުން ހެލްމެޓް އަޅައިގެން ހުރެ މީހުން ހުއްޓުވާ އޭނާ ދޭ މެސެޖަކީ "ބޭރަށް ނުކުންނަނަމަ، އަހަރެން އެތެރެއަށް ވަންނާނަން'،" މިހެނެވެ.

އިންޑިއާގައި މިހާތަނަށް ކޮވިޑް-19 އަށް އެއްހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ 29 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އަށްވާއިރު މިދިޔަ ހަފްތާގެ އަންގާރަދުވަހުން ފެށިގެން މުޅި އިންޑިއާ އޮތީ ލޮކްޑައުންގަ އެވެ.

comment ކޮމެންޓް