މިއީ އިންކަމް ޓެކްސް ނަގަންވީ ވަގުތު: އީވާ

މެމްބަރު އީވާ އަބްދުﷲ -- ފައިލް ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އިގްތިސޯދަށް ލޮޅުން އަރައި، ރައްޔިތުންގެ ވަޒީފާ ގެއްލެމުންދާ މި ދަނޑިވަޅަކީ، އިންކަމް ޓެކްސް ނަގަންވީ ވަގުތު ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއީ އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ކަމެކެވެ.

އިންކަމް ޓެކްސްގެ ބިލު ތަސްދީގުކޮށް ގާނޫނަކަށް ވެފައިވާއިރު މި އަހަރު ފެށުމާ އެކު އާމްދަނީން ޓެކްސް ނަގަން ވަނީ ފަށައިފަ އެވެ. އާމްދަނީ އިން ޓެކްސް ނަގާނީ، މަހެއްގެ މައްޗަށް 60،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަަތުންނެވެ.

މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން މެމްބަރު އީވާ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާރު މުޅި ދުނިޔެއަށް އަދި ރާއްޖެއަށް ވެސް ދިމާވެފައިވާ ހާލަތުގައި އިންކަމް ޓެކްސް ނެގުމަކީ އެންމެ ރަނގަޅު ކަމެއްތޯ ބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ އޭ އިންކަމް ޓެކްސް ނަގަންވީ ވަގުތަކީ. ފުއްދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއް ދޭންވީ ވަގުތަކީ މިއީ އޭ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އިންކަމް ޓެކްސް ނަގަނީ، ގެއަށް ގެންދާ ފައިސާއިން ކަމަށާއި، މިވަގުތު 60،000 ރުފިޔާ ގެއަށް ގެންދެވޭ ހާލަތުގައި ހުރި މީހަކު ހުރި ނަމަ، މިއީ އެ މީހަކު ދައުލަތަށް ޓެކްސް ދައްކަންވީ ވަގުތު ކަމަށެވެ.

އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މިއަދު ބަހުސް ކުރަމުން ދަނީ ކޮވިޑް19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލައަށެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވި ސަޕޯޓު ޕްރޮގްރާމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

އަދި މިހާރު ވެސް 11،000 ރިސޯޓު މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށާއި، އެފަދަ ފަރާތްތަކަށާއި އަޑިއަޅާލަމުން އަންނަ ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުން އެ ޕެކޭޖުގައި ހިމެނޭ ކަމަށެވެ.

އެހެން ނަމަވެސް ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭ އިރު އެއީ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ފޯރުކޮށްދޭ އެހީއަކަށް ވާންޖެހޭކަން އީވާ ފާހަގަކުރެއްވި އެވެ.

"ވިޔަފާރިތަކަށް ސަރުކަރުގެ ފަރާތުން އެހީއެއް ދިނީމާ އެ ހަރަދު ކުރަނީ މުސާރަ ދޭންތޯ އަޅުގަނޑުމެން ފުރިހަމައަށް ފާރަވެރި ވާން ޖެހޭނެ. ވިޔަފާރިތަކަށް ފާރަވެރިވެވޭނެ މެކެނިޒަމް އެއް އޮންނަން ޖެހޭނެ،" އީވާ ވިދާޅުވި އެވެ.

އެއީ ކުރު ރާސްތާ އެހީއެއްކަން ފާހަގަ ކުރައްވަމުން އީވާ ވިދާޅުވީ ވަޒީފާއާ އާމްދަނީ ގެއްލޭ ފަރާތްތަކަށް ކުރު ރާސްތާގެ އެހީ ދިނުމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ.

އެހެން ނަމަވެސް މުޅި ދުނިޔެ އިގްތިސޯދީ ގޮތުން ބޮޑު ހިލިގަތުމަކަށް ދާއިރު ރާއްޖޭގެ އިގްތިސޯދު އޮންނަން ޖެހޭނީ މެދު ރާސްތާ އަދި ދުރު ރާސްތާ ވިސްނުމަކަށް ތައްޔާރަށް ކަމަށް އީވާ ވިދާޅުވި އެވެ.

"ފަހަރެއްގައި ވެދާނެ އަޅުގަނޑުމެންގެ އިގްތިސޯދު މިހާރު މިދާ ދިމާ ނޫން އެހެން ދިމާލަކަށް އިގްތިސޯދު ބައްޓަން ކުރަން ޖެހިދާނެ. އަޅުގަނޑުމެން ލާމަރުކަޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓާ ރަށްޓެހި ގޮތަކަށް އިގްތިސޯދުގެ ބިންގާ އަލުން އަޅާ އިރު، އެ ބިންގާ އެޅުމަށް ވިސްނުން ބަހައްޓަން ޖެހޭނެ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ތާ އަބަދަށް ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތްކަން ސާފުވަމުން ދާއިރު، ދަނޑުވެރިކަމާ މަސްވެރިކަމަށް އެހީތެރިކަން ފޯރުކޮށް ދޭން ޖެހޭ މިންވަރު ދެނެގަތުމަށް މިވަގުތު ދިރާސާއެއް ކުރަން ޖެހޭ ކަމަށެވެ.

"މީ ރަނގަޅު ދަނޑިވަޅެއް ބަލާލަން، މަޖުބޫރީ ހާލަތުގައި ވިހަނީ ކޮން ކަހަލަ އާ އީޖާދުތަކެއްތޯ ބަލާލަން." އީވާ ވިދާޅުވި އެވެ.

ހަމައެއާ އެކު އިގްތިސޯދަށް އަންން ބަދަލުގެ ސަބަބުން އިޖުތިމާއީ ފޭރާމަށް އަންނާނެ ބަދަލާ މެދު ވެސް ވިސްނާލަން ޖެހޭނެ ކަމަށް އީވާ މިއަދު ވިދާޅުވި އެވެ. އީވާ ވިދާޅުވީ ބައެއްގެ ވަޒީފާ ގެއްލުމުން ގޭތެރޭގައި ދިމާވާނެ މައްސަލަތަކަށް ވެސް ވިސްނަންނ ޖެހޭ ކަމަށެވެ.

comment ކޮމެންޓް