ސިނަމާ އަދި ތިއޭޓަރުތައް މުއްދަތެއް ނެތް ގޮތަށް ބަންދު

2 މާރޗް 2017: ދިވެހި ފިލްމް މަލިކާ ޕްރިމިއާރ ނައިޓް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސެސް އަންގަވައިފިއެވެ.

ކޮރޯނާ ފެތުރެމުންދާތީ މިމަހުގެ 12 އިން ފެށިގެން ރާއްޖޭގައި މިހާރު ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި، މާޗު 16 ވަނަ ދުވަހުވެސް ވަނީ ރާއްޖޭގައި ހިންގާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ދެ ހަފްތާގެ މުއްދަތަށް ބަންދުކުރުމަށް އަންގަވާފައެވެ.

އެ މުއްދަތު ރޭގެ ނިޔަލަށް ހަމަވި އިރު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ރޭ ވަނީ އިތުރު އެންގެވުމެއް ނެރުއްވައި، އެތަންތަން މުއްދަތެއް ނެތްގޮތަށް ބަންދުކުރުމަށް އަންގަވާފައެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެންމެހާ އިދާރާތަކަށް ވަނީ އަންގަވާފައެވެ.

"އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން ފިޔަވަޅުތަކާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް އަންގަމެވެ." އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

މާލޭ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކްލާސްތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލަންވެސް އެޗްޕީއޭއިން މިރޭ ވަނީ އަންގައިފައެވެ. މީގެ ކުރިން މާލޭގެ ޖިމްތައް ހިންގުން ހުއްޓާލާފައިވަނީ ޖިމް ހިންގާ ފަރާތްތަކުގެ އަމިއްލަ އިސްނެގުމެއްގެ މަތިންނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހިފައިވާ 17 މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވީ އިޓަލީއަށް ދިޔަފަހުންނެވެ. ކޮވިޑްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖޭގައި ތިބި މީހުންގެ ތެރެއިން މިހާރު ބަލި ރަނގަޅުނުވެތިބީ ހަމައެކަނި ދެ ދިވެހީން އެކަންޏެވެ.

comment ކޮމެންޓް