އެޗްޕީއޭގެ އެންގުމާ ހިލާފަށް ސަފާރީއަކުން ކުނަހަންދުއަށް ފޭބި ދެ މީހަކު ހައްޔަރުކޮށްފި

ލ. ކުނަހަންދޫ --

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ސަފާރީއަކުން ލ. ކުނަހަންދުއަށް ފޭބި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ރޭ 22:14 އެހާކަންހާއިރު ލ. ކުނަހަންދޫ ކައިރީގައި އޮތް ސަފާރީއަކުން ދެ މީހަކު އެ ރަށަށް ފައިބައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން 36 އަހަރާއި 39 އަހަރުގެ ދެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އަދި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ލ. ގަން މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ފަސް ދުވަސް އެ ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވަނީ 30 ދުވަހަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އާންމުންނަށް ވަކި ގޮތްތަކަށް އަމަލު ކުރުމަށް އެންގުމުގެ ގާނޫނީ ބާރު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި އަމިއްލައަށް އެކަހެރިވެގެން ނުވަތަ ކަރަންޓީނުވެގެން ތަނެއްގައި ހުރުމަށް އެންގުމުގެ ބާރުވެސް ހިމެނެއެވެ.

comment ކޮމެންޓް