ކޮރޯނާވައިރަސް: ވެމްކޯއިން އެދެނީ ކުނި ކޮތަޅުތައް ލީކު ނުވާ ގޮތް ހެދުމަށް، ކޮތަޅުތައް ފުރާނުލުމަށް!

ވެމްކޯގެ މުވައްޒަފަކު ގެއަކުން ކުނި ކޮތަޅު ނެރެނީ -- ފޮޓޯ/ ވެމްކޯ

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ގޮތުން ގޭބީސީތަކުގައި ކުނި ބަންދުކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭންގައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)އިން އިލްތިމާސްކޮށްފި އެވެ.

މިއަދު ނެރުނު އިއުލާނެއްގައި ވެމްކޯއިން ބުނީ ކވިޑް-19އިން ރައްކާތެރިވުމަށްޓަކައި މިވަގުތު އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ އިޖްތިމާއީ ގައިދުރުކުރުން ދެމެހެއްޓުން ކަމަށްވީނަމަވެސް ކުނި ނެގުމަކީ ޒަރޫރީ އާންމު ހިދުމަތަކަށް ވުމުން، މިފަދަ "ހައްސާސް ދަނޑިވަޅެއްގައި" އެ ކޯޕަރޭޝަންއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ގަސްތުނުކުރާ ކަމަށެވެ.

އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލުނުގެނައިނަމަވެސް އެޗްޕީއޭއިން އާންމު ކޮއްފައިވާ "މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭން" ގައިވާ ބައެއް ކަންކަން ފާހަގަކޮށް އެކަންކަމަށް އާންމުން އިތުރަށް ސަމާލުކަން ދިނުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ކަންކަމަކީ:

  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުނި ބަންދުކުރާއިރު ކުނިއަޅާފައިވާ ކޮތަޅު އިތުރުކޮތަޅަކަށްލާ، ބަންދުކުރުމަށް ސަމާލުކަންދިނުން
  • ކުނި ބަންދުކުރުމުގައި ލީކުވާނެ ފަދަ އެއްޗެއްވާނަމަ، އެފަދަ އެއްޗެއް ލީކް ނުވާނެފަދަ ގޮތަކަށް ކޮތަޅު ބަންދުކުރުމަށް ސަމާލުކަންދިނުން. އެގޮތުން އިތުރު ކޮތަޅަކަށްލުން އަދި ރިހަފަދަ ތަކެތި ކުނި ކޮތަޅަށް ނޭޅުން
  • ކުނި ކޮތަޅަށް އެކަށީގެންވާ މިންވަރަށް ކުނިއެޅުމަށް ސަމާލުކަންދިނުން އަދި ކޮތަޅުގައި ކުނި ބަންދުކުރާއިރު، އެދެވިގެންވާ މިންވަރުކަމަށްވާ ކޮތަޅުގެ 3/2 އަށް ކުނިއެޅުން
  • ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ދިރިއުޅޭ ގޭބިސީ އެއްނަމަ މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކުނި ކޮތަޅު ގޭބިސީގެ ބޭރުން ނެގޭނެ އިންތިޒާމް ހަމަޖެއްސުން

އެޗްޕީއޭގެ މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭންގައިވާ އެ ކަންކަމާ އެއްގޮތަށް އަމަލު ނުކުރާ ކަސްޓަމަރުންގެ ކުނި ބަލައިނުގަތުމުގެ އިހްތިޔާރު ވެމްކޯއަށް ލިބިގެންވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

comment ކޮމެންޓް