ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވާހަކަ ދެކެވޭއިރު، ކުރިއަށް އޮތް އެއް މަހަށް ވާ ވަރަށް ކާޑުގެ ބާވަތްތައް ކޮންމެ ރަށެއްގައިވެސް ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ރާއްޖޭގެ ހާލަތާއި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން އަންނަ މަހުގެ ތެރޭގައި 10 މަސް ދުވަހުގެ މުއްދަތައް ވާ ވަރަށް ހަނޑުލާއި ހަކުރު ރާއްޖެ އެތެރެކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެއިތުރުން ފަސް މަހަށް ވާވަރަށް ފުށްވެސް އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން މީގެކުރީންވެސް ވަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދައްޗެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކާޑުގެ ބާވަތްތައް ގެނެސް އުޅެނީ އިންޑިއާއިންނެވެ. ނަމަވެސް އިންޑިއާ ވަނީ މިހާރު ލޮކްޑައުންގެ ހާލަތަކަށް ގެންގޮސްފައެވެ.
އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ރާއްޖެއަށް އެތެރެކުރެވޭނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ވަނީ މިއަދު ބުނެފައެވެ. އެގޮތުން ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމަށް ލޮޖިސްޓިކަލް ދަތިތަކެއް ހުރި ނަމަވެސް އެކަންތައް ހައްލުކޮށް ރާއްޖެއަށް އެތަކެތި އެތެރެކުރެވޭނެ މަގު ތަނަވަސް ކުރެވިފައިވާކަން ހައިކޮމިޝަނުން ފާހަގަ ކުރެއެވެ.
ހައި ކޮމިޝަނުން ބުނީ 20 ދުވަހަށް ބޭނުން ކުރެވޭ ވަރަށް ހަނޑުލާއި ހަކުރު ރާއްޖެ ގެނައުމަށް މިހާރުވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ތަކެތި މިހާރު އައުމުގެ މަގުމަތީގައި އުޅޭ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.