އިންޑިއާ ލޮކްޑައުން ކުރިޔަސް ރާއްޖެއަށް ކާޑު ލިބޭނެ

އިންޑިއާ އިން ރާއްޖެއަށް ކާޑު އެކްސްޕޯޓު ކުރަން ތައްޔާރުވެފައި -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ރާއްޖެއަށް އެތެރެކުރެވޭނެކަމަށް އިންޑިއާއިން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރުމުގައި ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ. އެގޮތުން ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމަށް ލޮޖިސްޓިކަލް ދަތިތަކެއް ހުރި ނަމަވެސް އެކަންތައް ހައްލުކޮށް ރާއްޖެއަށް އެތަކެތި އެތެރެކުރެވޭނެ މަގު ތަނަވަސް ކުރެވިފައިވާކަން ހައިކޮމިޝަނުން ފާހަގަ ކުރެއެވެ.

"ވިހި ދުވަހަށް ބޭނުންކުރެވޭނެ ހަނޑުލާއި ހަކުރު މިހާރު ވަނީ ރާއްޖެ އައުމުގެ މަގުމަތީގައި. އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ރާއްޖެއަށް އެކްސްޕޯޓު ކުރުމަށް މިހާރު ވަނީ ޓުޓިކޮރިން ބަނދަރަށް ގެންދެވިފައި،"

އިންޑިއާ އިން ރާއްޖެއަށް ކާޑު އެކްސްޕޯޓު ކުރަން ތައްޔާރުވެފައި -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

ހައިކޮމިޝަނުން ވަނީ ކާޑުގެ ބާވަތްތައް ހުސްވެދާނެކަމުގެ ބިރަށް "ޕެނިކް ބައި" ނުކުރުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިފައެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވެސް ވަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދައްޗެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އެކި ފަހަރު މަތިން އަރުވައިފައެވެ.

މީގެ އިތުރުން އިންޑިއާއިން ބޭސް އެކްސްޕޯޓުކުރުމުގައި ލިމިޓެއް ގެނައިނަމަވެސް ރާއްޖެއަށް ބޭނުންވާ ބޭސް އިންޑިއާއިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށް އެސްޓީއޯއިން ވަނީ މީގެ ކުރިން ބުނެފައެވެ.

ކޮރޯނާއާ ގުޅިގެން އިންޑިއާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރޭ މެންދަމުން 12 އިން ފެށިގެން ތިިން ހަފްތާއަށް މުޅި ގައުމު ލޮކްޑައުންކޮށްފައިވާއިރު އެގައުމުގެ އެތެރޭގެ ދަތުރުތައްވެސް ވަނީ މެދުކަނޑާލައިފައެވެ.

އިންޑިއާގެ 519 މީހަކަށް ކޮރޯނާ ޖެހިފައިވާއިރު މިހާތަނަށް 10 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް