ވެށިފަހިން ގޯތި ނުލިބޭ މީހުންގެ މައުލޫމާތު ހިއްސާކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުރީގެ އަރަބިއްޔާ ސްކޫލް އިމާރާތުގައި އަޅާފައިވާ މާލޭ ސްކެއާރ ފުލެޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ބިން ދޫކޮށްލައި ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީއިން އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ފާއިތުވި ބުރާސްފަތި ދުވަހުން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ސަރުކާރު ބަންދުކޮށްފަ އެވެ.

މިއަދު މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބޯހިޔާވަހިކަން ހަމަނުޖެހޭ ފަރާތްތަކުގެ ލިޔުންތައް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ހުޅުވޭ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކައް އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތަކުން މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރަން ވަނީ ކުރީން އެދިފައެވެ.

މިނިސްޓްރީން ބުނީ ހުށަހަޅާ ހުށަހެޅުމާއެކު ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިބް ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި، މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގާ ދިން ލިޔުން ހުށަހަޅަން ވާނެ ކަމަށެވެ.

އަދި އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް