ކޮރޯނާ ވައިރަސްގެ ސަބަބުން އެމެރިކާގެ އަސްކަރީ ގާބިލްކަމަށް ހުރަސްއެޅިދާނެ: ޕެންޓަގަން

އެމެރިކާގެ ދިފާޢީ ވަޒީރު މާކް އެސްޕާ

ޖެނީވާ (24 މާޗް 2020) : ކޮރޯނާ ވައިރަސް (ކޮވިޑް-19)ގެ ސަބަބުން އެމެރިކާގެ އަސްކަރީ ގާބިލްކަމަށް ހުރަސްއެޅިދާނެކަމަށް އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޕާ ވިދާޅުވީ އެމެރިކާގައި ކޮރޯނާ ވައިރަސް ކޮންޓްރޯލްވާނެ ދުވަހެއް ނޭންގުމާއި އެވައިރަސްގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް އަރާނެކަމަށް ބެލެވޭ ލޮޅުންތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ގާބިލްކަމަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވާ ކަމުގައެވެ. ނަމަވެސް އެމެރިކާ ސިފައިންގެ ތެރޭގައި ކޮރޯނާ ވައިރަސް ނުފެތުރޭކަމަށާ އެރޯގާއިން އެމެރިކާ ސިފައިން ހިމާޔަތް ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް އެސްޕާ ވިދާޅުވި އެވެ.

އެމެރިކާ ސިފައިންގެ ސާޅީހަށްވުރެ ގިނަމީހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުން އެކަހެރިކޮށް ފަރުވާދޭކަމަށް ރިޕޯޓްތައް ބުނެ އެވެ. ކޮރޯނާ ވައިރަސް އިން އެމެރިކާ ސިފައިން ހިމާޔަތް ކުރުމަށްޓަކައި ޕެންޓަގަންއިންވަނީ ޚާއްސަ އިމާޖެންސީ ޕްލޭނެއް އެކުލަވާލާފަ އެވެ. މީގެތެރޭގައި އެމެރިކާ ސިފައިން މަރުކަޒުކޮށްފައިވާ ބައެއްގައުމުތަކުން އެމެރިކާ ސިފައިން މަދުކުރުމާއި އެމެރިކާ ސިފައިންކުރާ ދަތުރުތައް ވަރަށް ބޮޑަށް މަދުކޮށްލުން ހިމެނެ އެވެ.

އިރާގުގައި ބައިތިއްބާފައިވާ އެމެރިކާ ސިފައިންގެ ތެރެއިން ބަޔަކު ވެސް މިޕްލޭންގެ ދަށުން އަނބުރައި ގައުމަށް ގެނައުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނިނަމަވެސް ޕެންޓަގަންއިން އެކަން ކަށަވަރުކޮށެއް ނުދެ އެވެ. ނަމަވެސް ލެޓިން އެމެރިކާގެ ގިނަ ގައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެމެރިކާވަނީ އެސަރަހައްދުގެ ގައުމެއްކަމަށްވާ ހޮންޑިއުރަސްގައި ބައިތިއްބާ ސިފައިންގެ ތެރެއިން 88 މީހުން މީގެ ދެދުވަސްކުރިން އަނބުރައި ގައުމަށް ގެނަސްފަ އެވެ.

އެމެރިކާގައި ކޮރޯނާ ވައިރަސް ފެތުރެމުންދާލެއް ހަލުއިކަމުން އެރޯގާ ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ކަމާބެހޭ އިދާރާތައްވަނީ ނުކުޅެދިފަ އެވެ. އެމެރިކާގައި 33،404 މީހުންނަށް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާއިރު އެރޯގާގައި މިހާތަނަށް ހަތަރު ސަތޭކަ މީހުންވަނީ މަރުވެފަ އެވެ.

އެމެރިކާގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ހިންގާ ޚާއްސަ ޕްރޮގްރާމުގެ އިސްވެރިޔާ އަދި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވަނީ އެމެރިކާގައި މިހާތަނަށް 254،000 މީހުން ކޮރޯނާ ވައިރަސް އަށް ޓެސްޓްކޮށް އޭގެތެރެއިން ތެއްތިރީސް ހާސް ހަތަރުސަތޭކަ ހަތަރު މީހުން އެރޯގާއާށް ޕޮޒިޓިވްވިކަން އިޢުލާނު ކުރައްވާފަ އެވެ.

ދުނިޔެއަށް ބަލާއިރު ދުނިޔޭގެ 183 ގައުމަކުން ތިންލައްކަ އައްޑިހަ ހާހަށްވުރެ ގިނަ މީހުންނަށްވަނީ ކޮރޯނާ ވައިރަސް ޖެހިފަ އެވެ. އޭގެތެރެއިން ސޯޅަ ހާސް ފައްސަތޭކައަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެއްލައްކަ ދެހާސް މީހުންނަށް ޝިފާ ލިބިފައިވެއެވެ. އަދި ދެލައްކަ ފަސްދޮޅަސް ދެހާހަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ނުކުޅެދިފައިވާއިރު އެ ރޯގާގެ ޝިކާރައަކަށްވެފައިވާ އެމެރިކާގެ ބައިވެރިންކަމަށްވާ ޔޫރަޕްގެ ގައުމުތަކަށް އެހީތެރިވުމުގައި ވެސް އެމެރިކާ ވަނީ ނާކާމިޔާބުވެފަ އެވެ.

މިއާ އެކު އެމެރިކާގެ އެކި ފަރާތްތަކުން ގެންދަނީ އަސްކަރީ ކަންކަމާއި ހަނގުރާމައާއި ތަޅާފޮޅުމަށް އެމެރިކާ ކުރާ ޚަރަދު ކުޑަކޮށް ސިއްޙީ ދާއިރާފަދަ އެމެރިކާގެ އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަމަށް ކުރާ އިންވެސްޓްމަންޓްތައް ގިނަކުރުމަށް އެމެރިކާ ސަރުކާރަށް ގޮވާލަމުންނެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް