ކޮވިޑް-19 އާ އެކު އެތައް ބައެއް ކެއިން ބުއިމަށް ކުރަމުން އައި މަސައްކަތްތައް މެދުކަނޑާލުމަށްފަހު ގޭގެ ހަތަރު ފާރުގެ ތެރޭގައި މަޑުކުރަން މިއޮތީ ޖެހިފަ އެވެ. އޭގެތެރެއިން އެއް ބަޔަކީ ފަންނާނުންނެވެ. ހުނަރުތައް ދައްކާލުމަށް އެ ފަރާތްތަކަށް އޯޑިއެންސް އެއް ބޭނުންވެ އެވެ. ނަމަވެސް ސޯޝަލް މީޑިއާއެކު ފަންނާނުން މިހާރު ފަށާފައިވަނީ މޮޅު ކަމެކެވެ. އެއީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން މުނިފޫހި ފިލުވުމުގެ ހަރަކާތެވެ.
"ކަރަންޓިއުންސް" ނަމުގެ ހާއްސަ ހޭޝްޓެގެއް ބޭނުންކޮށްގެން ދުނިޔޭގެ މަޝްހޫރު ފަންނާނުން ދަނީ ސޯޝަލް މީޑިއާގައި ލައިވް ޝޯތައް ދެމުންނެވެ. އެ ޓްރެންޑާއެކު ދިވެހީންވެސް ވަނީ މިހާރު އާންމުން މުނިފޫހި ފިލުވައިދިނުމަށް ގިނަ ޝޯތަކެއް ދެމުންނެވެ.
ސޯޝަލް ޑިސްޓެންސިން އަށް ބަލައި ހުރިހާ ރައްޔިތުންވެސް ގޭގައި މަޑުކުރުމަށް ގޮވާލަމުންދާ ވަގުތެއްގައި މިއީ މޮޅު ހިޔާލެކެވެ.
ހަސަން އިރުފާން (ޒަކިއްޓެ) "ސަން" އަށް ބުނީ ކުއަރެންޓިއުންސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާޓިސްޓުން ބޭނުންކުރަމުން ގެންދާ ހޭޝްޓެގެއް ކަމަށެވެ. އަދި އެއީ ގޭގައި ތިބެގެން އިންސްޓަގްރާމް ލައިވް ޖައްސައިގެން އާޓިސްޓުންގެ ފޭނުން މުނިފޫހިފިލުވުމަށް ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އިންސްޓަގްރާމް ލައިވް ބޭނުންކޮށްގެން ޝޯ ދިން ބައެއް ދިވެހި ފަންނާނުންގެ ތެރޭގައި އާންޔާ ހަލީމް އާއި ޝައްމޫން މުހައްމަދު އަދި ޒަކިއްޓެވެސް ހިމެނެއެވެ.
ދިވެހި ފަންނާނުން އެ ޓްރެންޑުގައި ބައިވެރިކުރުވާ ޝޯތައް ދިނުމަށް ބާރުއެޅުމުގައި އެންމެ ކުރީގައި ހުރި އެކަކީ ޒަކިއްޓެއެވެ.
"ޝަލަބީ، ހަމްދާން، މައިސާން އަދި ހުމާމް ފަދަ ކުދީންވެސް ދަނީ މީގައި ބައިވެރިވެ ހަމަ އެކި ވަގުތު ތަކުގައި މިކަމަށް އެއްބާރުލުން ދެމުން،" ޒަކިއްޓެ ބުންޏެވެ.
އެ ޓްރެންޑާއެކު އާޓިސްޓުންގެ ތެރޭގައި ޒަމާންތަކަކަށް ފަހު އެއްބައިވަންތަ ކަމުގެ ރޫހު ފެނިގެން ގޮސްފައިވާ ކަމަށް ޒަކިއްޓެ ފާހަގަކުރިއެވެ.
ފަންނާނުންތައް ޝޯ ދެމުންދާއިރު އެތައް ބަޔަކު އެ ޝޯތައް ބަލައި، ހުނަރުތަކަށް ތައުރީފުކުރަމުން ދެއެވެ. އަދި ކުރިއަށްވެސް އެތައް ފަންނާނުންގެ ޝޯތަކެއް ރާވާފައި އެބަހުއްޓެވެ. އެއިން އެންމެ ފާހަގަކުރެވޭ އެއް ފަންނާނަކީ މީރާ މުހައްމަދު މާޖިދެވެ. އޭނާވެސް މިހާރު ހުރީ އިންސްޓަގްރާމް ޝޯއެއް ދިނުމަށް ރެޑީވެގެންނެވެ.
މީރާ ބުނީ މިއަދު ހަވީރު 5:00 އަށް އޭނާގެ ލައިވް ޝޯ ފަށާނެ ކަމަށެވެ. އަދި މީރާ ލައްވާ ކިޔަން ބޭނުންވާ ލަވަތަކުގެ ރިކުއެސްޓު ފޮނުވުމަށްވެސް މީރާ ވަނީ އެދިފައެވެ.
ކުއަރެންޓިއުންސް މެދުވެރިކޮށް ޝޯތައް ދެމުންދާ ފަންނާނުންނަށް ދިވެހީންގެ ލޯބި ދަނީ އޮހެމުންނެވެ. ގޭގައި މަޑުކުރަން ޖެހިފައި ތިބުމުން ހަމައެކަނި ފޫހި ފިލައި ހިތްހަމަ ޖެހޭ އެއް ކަމަކީ ފަންނާނުންގެ ލައިވް ޝޯތައް ކަމަށް ބައެއް މީހުން ބުނަމުންދެއެެވެ.