ފެނުގެ ދުވަސް: ކޮވިޑް19އިން ރައްކާތެރިވާން ސާފުތާހިރުވުން މުހިންމު

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ

މިއަހަރުގެ ބައިނަލްއަގްވާމީ ފެނުގެ ދުވަހާ ގުޅިގެން ކޮވިޑް19އިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުވުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

ކޮވިޑް19އާ ގުޅިގެން އާންމުން އެއްވެ އުޅުމާ އެފަދަ ހަރަކާތްތައް މަނާކުރުމާއެކު އެމްޑަބްލިއުއެސްސީން ބުނީ މިއަހަރުގެ ފެނުގެ ދުވަސް ފާހަގަކުރާނީ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.

"ފެން ބޭނުންކޮށްގެން ސާފުތާހިރުވުމާއި ފެން ބޭނުން ކުރުމުގައި ހަރަދު ކުޑަވާނެ ގޮތްތައް ދައްކުވައިދޭ ޕޯސްޓައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އަޅުގަނޑުމެން ހިއްސާ ކުރަމުންދާނަން. ވަރަށް އަވަހަށް ވައިބާ، ޓެލެގްރާމް ފަދަ އެޕްލިކޭޝަންތަކަށް ހާއްސަ ސްޓިކާ ޕެކްތަކެއް ވެސް ތައާރަފުކުރަން ވަނީ ހަމަޖެހިފައި." ފެން ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކޮވިޑް19ގެ ނުރައްކާ އޮތް މި ދަނޑިވަޅުގައި ރައްކާތެރިކަމާއެކު އަތްދޮވުމަށް ސިއްހީ މާހިރުން ލަފާދެމުންދާއިރު، އެމްޑަބްލިއުއެސްސީން ވަނީ މިކަން ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށްފަ އެވެ. އެއީ؛

  • މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން އަތްދޮވުން
  • ސައިބޯނިން ދެ އަތް އުނގުޅާއިރު އަތްތިލައިގެ ފަހަތް، އިނގިލިތަކުގެ ދޭތެރެ، ނިޔަފަތިތަކުގެ އަޑި ހިމެނުން
  • ހަރަދު ކުޑަކުރުމަށްޓަކައި ސައިބޯނި ލައިގެން 20 ސިކުންތު ވަންދެން އަތް އުނގުޅާއިރު ފެން އިސްކރު ބަންދުކުރުން
  • އަތް ދޮވުމަށްފަހު ޓިޝޫއަކުން ނުވަތަ ސާފު ފޮތިކޮޅަކުން ރަނގަޅަށް އަތް ހިއްކާލުން
  • ސައިބޯނި، އިސްކުރު ފެން ނެތް ހާލަތެއްގައި މަދުވެގެން 60ޕަސެންޓް އަލްކޮހޯލް ހިމެނޭ ސެނިޓައިޒާއެއް ބޭނުންކުރުން [ސެނިޓައިޒާ ބޭނުންކުރާއިރު ވެސް 20 ސިކުންތު ވަންދެން އަތްތިލައިގެ ހުރިހާ ދިމާލެއް އުނގުޅުން]

ގިނަގިނައިން އަތް ދޮންނަން ބާރު އެޅުމުގެ އިތުރުން އަތް ދޮވުމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ދަނޑިވަޅުތައް ވެސް އެމްޑަބްލިއެސްސީން ފާހަގަކުރެ އެވެ.

އެގޮތުން ކެއްސައި ކިނބިހި އެޅުމާއި ނޭފަތް ފޮޅުމަށްފަހު އަދި ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮންނަން ވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

ހަމައެއާއެކު ގެއިން ބޭރުގައި އެއްވެސް ތަނަކު ނުވަތަ ފައިސާގައި އަތްލުމަށްފަހު އަދި ބަލި މީހަކަށް އެހީތެރިވުމުގައާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުމަށްފަހު އަތް ދޮވުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެކުންފުނިން އިލްތިމާސް ކުރެ އެވެ.

ނަމަވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާ ގޮތަށް މި ދަނޑިވަޅުގައި ގޭގައި މަޑުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވެސް އެކުންފުނިން ފާހަގަކުރެ އެވެ.

އާންމު ސާފުތާހިރުކަމަށްޓަކައި އެ ނޫން ހާލަތްތަކުގައި ވެސް އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ފެން ކުންފުނިން ލަފާދެ އެވެ.

އެގޮތުން ފާހަނާ ބޭނުން ކުރުމަށްފަހު، އުކާލެވޭ ތަކެތީގައި އަތްލުމަށްފަހު، ގެންގުޅޭ ޖަނަވާރުގައި އަތްލުމަށްފަހު އަދި ފެންނަ ފެނުމަށް އަތްތިލަ ހަޑިވެފައި ހުރިނަމައާއި ތުއްތު ކުދިންގެ ނެޕީ ބަދަލު ކުރުމަށްފަހު އަތް ދޮވުމަށް ބާރު އަޅާފައިވެ އެވެ.

ފެނަކީ ދިރިއުޅުމުގައި ވަރަށް މުހިންމު އެއްޗަކަށް ވުމާއެކު ފެން އިސްރާފު ނުކުރުމަށް ވެސް އެމްޑަބްލިއުއެސްސީން އިލްތިމާސް ކުރެ އެވެ.

ދުނިޔޭގައި ސާފު ބޯފެން ނުލިބޭ މީހުން އުޅޭކަން ފާހަގަކޮށް އެމްޑަބްލިއުއެސްސީން ބުނީ ދުނިޔޭގައި ކޮންމެ ނުވަ މީހުންގެ ތެރެއިން އެކަކަކީ ސާފު ފެން ލިބުމުން މަހުރޫމުވެފައިވާ މީހެއް ކަމަށެވެ.

ނަމަވެސް އެމްޑަބްލިއުއެސްސީން ދޫކުރާ ފެން ނުވަތަ އިސްކުރު ފެނަކީ ސާފު ރައްކާތެރި ފެން ކަމުގެ ޔަގީންކަން އެކުންފުނިން އަރުވަ އެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް ލެބޯޓްރީން ފެނުގެ ކޮލިޓީ ޗެކްކުރާ ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮވިޑް19ގެ ނުރައްކާ އޮތް މި ދަނޑިވަޅުގައި މި ބައްޔާ ދެކޮޅަށް ތެދުވެވޭނީ ސާފުތާހިރުކަމުގެ އާދަތަކުގައި ހިފައިގެން ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުއަހައި ބޯލަނބަމުން ދިއުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮވިޑް19ގެ މި ހާލަތުގައި ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ އިއުލާނުކޮށްފަ އެވެ.

އެގޮތުން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހަށް ހިނގާ މުއްދަތުގައި ބޭނުންކުރާ ފެނުން އެއް ޓަނުގެ ފެން ހިލޭ ދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

https://sun.mv/133027

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު