ފެން ހިލޭ ފޯރުކޮށްދޭނީ ގޭބިސީތަކުގެ ބިލުން އުނިކޮށްގެން

އެމްޑަބްލިއުއެސްސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ : އެމްޑަބްލިއުއެސްސީ

ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށްދޭނީ އެ ގޭބިސީއަކަށް ދެން ފޮނުވާ ފެން ބިލުން އެއް ޓަނަށް އަރާ ފައިސާ އުނިކޮށްގެން ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

ކޮންމެ ގޭބިސީއަކަށް އެއް ޓަނު ފެން ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އިއުލާނުކޮށްފައިވަނީ ރޭ، ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ސަރުކާރުގެ ފަރާތުން ހިއްސާކުރައްވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ. ނަމަވެސް އެއް ޓަނުގެ ފެން ފޯރުކޮށްދޭނެ އުސޫލެއް ރޭގައި ހާމައެއް ނުކުރެއެވެ.

ފެން ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ކޮރޯނާއާ ގުޅިގެން ސަރުކާރުން ތަފާތު އިރުޝާދުތައް ދޭތީ އެކުންފުނިން ކުރެވޭނެ ކަންތައްތައް ބަލާފައިވާ ކަމަށެވެ. އަދި އެގޮތުން ގޭބިސީތަކަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

އެގޮތުން މިވަގުތު އެމްޑަބްލިއުއެސްސީގައި 44،033 ޑޮމެސްޓިކް ކަސްޓަމަރުން އެބަތިބިކަމަށް ޝާހު ވިދާޅުވިއެވެ. އެއިން ކޮންމެ ކަސްޓަމަރެއްގެ ގޭބިސީއަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށްދޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަސްލު މީގެ ބޭނުމަކީ، ހުރިހާ ފަރާތްތަކުންވެސް އެންމެ ގިނައިން މި ވިދާޅުވާ އެކައްޗަކީ ސާފުތާހިރުކަމާއި ގިނައިން އަތް ދޮވުމަށް. އެކަމަށް ގިނައިން ފެން ބޭނުން ކުރަން ޖެހޭނެ. އެގޮތުން ގިނައިން އަތް ދޮވެ ހަދާނަމަ ފެން ބިލު ބޮޑުވެދާނެކަމުގެ ކަންބޮޑުވުންތަކެއް ކަސްޓަމަރުންގެ ހުރި ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ 12 މާޗުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ހިނގާ މުއްދަތުގައި ބޭނުންކުރާ ފެނުން އެއް ޓަނުގެ ފެނަށް އަރާ އަދަދު އުނިކޮށްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެއް ޓަނު ފެން ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ސީއެސްއާރުގެ ދަށުން ކަމަށެވެ. އަދި އެގޮތުން އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށްދިނުމަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ވަރު ހޭދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެއް ޓަނު ފެނަށް އަރާނެ ސީދާ އަދަދު އެކި ފަރާތްތަކަށް ތަފާތު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމްޑަބްލިއުއެސްސީގައި ފެން ދޫކުރަނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. އެގޮތުން ބޭންޑް އޭގެ ދަށުން ޓަނަކަށް އަރާނީ 22 ރުފިޔާ އެވެ. ބޭންޑް ބީގެ ދަށުން ޓަނަކަށް 70 ރުފިޔާ އަރާ އިރު ބޭންޑް ސީގެ ދަށުން ފެން ޓަނަކަށް އަރާނީ 90 ރުފިޔާއެވެ.

comment ކޮމެންޓް