ހުޅުމާލޭ ފިހާރަތަކުން ގެތަކަށް ޑެލިވަރީ ކޮށްދޭން އެދިއްޖެ

ހުޅުމާލެ ފިހާރަ ބަރި-- ފޮޓޯ: ޓުރިޕްއެޑްވައިޒާ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އިން ރައްކާތެރިވުމަށް މީހުން ވީހާވެސް މަދުން ގެއިން ނުކުތުމަށް ބާރު އެޅުމުގެ ގޮތުން، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފިހާރައަށް ނުގޮސް ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި ދިރިއުޅޭ މީހުން އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެންް ފިހާރަތަކުން ވިޔަފާރި ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެކަމަށް މަގުފަހި ކުރުމަށް މިއަދުން ފެށިގެން ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް، އެބަޔަކު ދިރިއުޅޭ ސަރަހައްދުގައި ހުންނަ ފިހާރަތަކާއި އެ ފިހާރަތަކުގެ މައުލޫމާތު (ފިހާރައިގެ ނަމާއި، ފޯނު ނަންބަރު އަދި ދޭ ހިދުމަތުގެ މައުލޫމާތު) ލިބޭނެ ހާއްސަ ވެބްސައިޓެއް ވަނީ ފަރުމާކޮށްފަ އެވެ.

އެޗްޑީސީން ބުނީ އެ ވެބްސައިޓު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު އެޗްޑީސީން ވަނީ ހުޅުމާލޭ ހުރިހާ ފިހާރަތަކުން ހުޅުމާލޭގެ ރައްޔިތުންނަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް އެދިފަ އެވެ.

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަންގެ ވެބްސައިޓުން އެ ފަރާތެއްގެ ފިހާރަ، ރެސްޓޯރަންޓް ނުވަތަ ކެފޭގެ ނަން ފެންނަން ނެތް ނަމަ އެތަނެއްގެ މައުލޫމާތު ހުށަހެޅުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް