ވަޒީފާއަށް ރާއްޖެ އަންނަ ބިދޭސީން ކުރިން ހުއްދައެއް ނަގަން ޖެހޭ ގޮތް ހަދައިފި

ސަން ފޮޓޯ/ފަޔާޒް މޫސާ

ކޮވިޑް19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހާއްސަ ހުއްދައެއް ލިބިގެން ނޫނީ ރާއްޖެ އެތެރެ ނުވެވޭގޮތް ހަދައިފިއެވެ.

ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސަރުކާރުން ރޭ ވަނީ ހަމަޖައްސައިފައެވެ.

ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ރޭ ފަތިހު 4:00 ގައި ނެރުނު އެންގުމުގައި ބުނެފައިވަނީ، އެވަގުތުން ފެށިގެން ވައިގެ މަގުން ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އަންނަ ހުރިހާ އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށެވެ. އެ މީހުންގެ ތެރޭގައި ދިވެހިން އަދި އެކިއެކި ވިސާތަކުގައި ރާއްޖެ އަންނަ މީހުންވެސް ހިމެނޭނެ ކަމަށް އެ އެންގުމުގައި ބުނެ އެވެ.

އެ ނިންމުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންނަށް މިރޭ 23:59 އިން ފެށިގެން ރާއްޖެ އެތެރެވެވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖެ އެތެރެކުރުމަށް އިކޮނޮކިމް މިނިސްޓްރީން ދޫކޮށްފައިވާ ހާއްސަ ހުއްދައެއް އޮވެގެން ކަމަށެވެ.

އޭގެ ތެރޭގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދައިގެން އަލަށް ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ފަރާތްތަކާއި، ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ވަޒީފާއަށް އަންނަން އެދޭ ފަރާތްތައް ވެސް ހިމެނެއެވެ.

އިމިގްރޭޝަނުން ބުނީ ހުއްދަ ނުލިބި އަންނަ ފަރާތްތައް ރާއްޖެ އެތެރެނުކޮށް ހަމަޖެހިފައިވާ އުސޫލުގެ ފަށުން ފުރުވާލެވޭނެ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އިމިގްރޭޝަންގެ ޑިއުޓީ ނަންބަރު 9555222 އަށް ގުޅުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

comment ކޮމެންޓް