އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި

ސައިކަލަށް ތެޔޮ އަޅަނީ --

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އެ ކުންފުނިން ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން މިއަދު ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން ޕެޓްރޯލެއް ލީޓަރެއް ވިއްކާނީ، 1.53 ރުފިޔާ އަގު ހެޔޮކޮށް، 8.07 ރުފިޔާއަށް ކަމަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ، 9.60 ރުފިޔާއަށެވެ.

މީގެ ކުރިން، 10.39 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް ދެން ވިއްކާނީ، 8.71 ރުފިޔާއަށް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. މިއީ، 1.68 ރުފިޔާ ހެޔޮ އަގެކެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މި މަހުގެ ތެރޭގައި ހެޔޮ ކުރި މިއީ ދެވަނަ ފަހަރެވެ. މި މަހުގެ 13 ވަނަ ދުވަހު ވެސް އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދީ ގޮތުން އަޅާ ފިޔަވަޅުތައް ހާމަކުރުމުގެ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ތެޔޮ އިތުރަށް އަގު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ކުރި ހޯދަން ރަޝިޔާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ފެށިފައިވާ ބޮޑު ކޯޅުންގަނޑުގެ ސަބަބުން، ދެ ގައުމުން ވެސް ގިނަ އަދަދަކަށް މާކެޓަށް ތެޔޮ ސަޕްލައި ކުރަމުން އަންނާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑް އަދަދަކަށް ވެއްޓިފަ އެވެ.

comment ކޮމެންޓް