އިމްރާނާއި އަބްދުﷲ ފުލުހަށް ހާޒިރު ކުރަނީ

މަދަނީ އިއްތިހާދުގެ ރައީސް އަބްދުﷲ މުހައްމަދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

މި ދެބޭފުޅުން ފުލުހަށް ހާޒިރު ކުރަނީ މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން ކަމަށް ވެއެވެ.

އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ މިއަދު 1:00 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް ޗިޓް ފޮނުވާފައި ވަނީ ރޭ 11:15 އެހާކަން ހާއިރު ކަމަށެވެ.

"ރޭ 11:15 އެހާކަން ހާއިރު އަޅުގަނޑުގެ ގެއަށް ޗިޓް ފޮނުވީ. ޗިޓް ފޮނުވި އިރު އަޅުގަނޑު ގެއަކު ނެތިން. އަޅުގަނޑުގެ ޗިޓާއި ހަވާލުވީ އަޅުގަނޑުގެ އަންހެނުން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރު ވުމަށް ޗިޓް ފޮނުވާފައިވަނީ ފުލުހުން އޭނާ ނުފެނިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އަމިއްލައަށް ފުލުސް އޮފީހަށް ދިޔުމަށް ތައްޔާރުވެގެން ހުއްޓާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުން ފޮނުވި ޗިޓާއި ގުޅިގެން އޭނާގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ މުހައްމަދު ވަހީދު އިބުރާހިމް (ވައްޑޭ) އާއި ޝަހީމް އަހުމަދާއެކު ޗިޓްގައިވާ ގަޑިއަށް ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދާލަތުގެ ރައީސް އިމްރާން ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރު ވުމަށް ޗިޓް ފޮނުވާފައި ވަނީ މިއަދު 9:30 ގައި ކަމަށެވެ. އަދި ވިދާޅުވީ ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ދެ ވަކީލުން ކަމަށްވާ މުހައްމަދު ޝަހީމް އަލީ ސައީދާއި، މުހައްމަދު އައްފާން ޝާފިއީ އާއި އެކު 1:00 ޖަހާއިރު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ފުލުހަށް ހާޒިރުވާން ޗިޓް ލިބިފައިވާ މީހަކު ވިދާޅުވާ އެއްޗެއް ރިޕޯޓު ކުރިޔަސް އެންމެ ރަނގަޅު ކަމަށާއި ފުލުހުން އެ މައުލޫމާތު ހާމަކުރަން ޖެހުމުން ހާމަކުރާނެ ކަމަށެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު