ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓު އުވާލުމުގެ މަސައްކަތް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަށައިފި އެވެ.
ހުޅުމާލޭ ކޯޓު ވުޖޫދަށް ގެނައީ 2012 ވަނަ އަހަރު އެވެ. އެ ކޯޓުން ބެލި ބޮޑެތި މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ޓެރަރިޒަމް މައްސަލަ ހިމެނެއެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ގެންދިޔައީ ހުޅުމާލޭ ކޯޓުގައި ބަލަމުން ދަނިކޮށެވެ.
މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ހުޅުމާލޭ ކޯޓު އުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެކަމަކު، އެގޮތަށް ނިންމި ސަބަބެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލޭ ކޯޓު އުފެއްދުމުން އެ ކޯޓުގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ވެއްދި އެވެ. ވަކީލު އިސްމާއިލް ވިޝާމް ވެއްދި އެ މައްސަލައަކީ މެޖިސްޓްރޭޓް ކޯޓުތައް ހުންނަންވާނީ ހަތަރު ސުޕީރިއާ ކޯޓު ގާއިމް ވެފައިވާ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކަމަށާއި، ހުޅުމާލެއަކީ މާލޭގެ ބަޔަކަށް ވާތީ ހުޅުމާލޭގައި ގައި އުފައްދާފައިވާ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާއި ޚިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް ބުނެ ވެއްދި މައްސަލައެކެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމީ އެ ކޯޓު އުފައްދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އޭގެ އިތުރުން ހުޅުމާލޭ ކޯޓުން 2016 ވަނަ އަހަރާއި މިދިޔަ އަހަރުގެ ޖުލައި މަހާ ދެމެދު ނެރުނު ބަންދު އަމުރުތަކުގެ ސައްހަ ކަމާމެދުވެސް ސުވާލު އުފެދުނެވެ. 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ މާލޭ ސަރަހައްދުގައި އުޅޭ މީހުންނާ ގުޅޭ އަމުރުތައް ނެރެން ވާނީ ހަމައެކަނި ކުރިމިނަލް ކޯޓުން ކަމަށް ބުނެ ސާކިއުލާއެއް ނެރެފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހު ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުން ވަނީ ހުޅުމާލޭ ކޯޓަށް ބަންދު އަމުރު ނެރެވޭނެ ގޮތް ހަދައިފައެވެ. އެހެންކަމުން، 2016 ވަނަ އަހަރާއި އެ މުއްދަތާ ދެމެދު ދެމެދު ހުޅުމާލޭ ކޯޓުން ނެރުނު އަމުރުތަކުގެ ސައްހަ ކަމާ މެދުވެސް ސުވާލު އުފެދިފައިވެއެވެ. އެފަދަ ބަންދު މައްސަލައެއް އިސްތިއުނާފު ކުރުމުން ހައިކޯޓުން މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ ތެރޭގައި ނިންމާފައި ވަނީ އެ މުއްދަތުގެ ތެރޭގައި އެކަމުގެ ބާރު ހުޅުމާލޭ ކޯޓަށް ނޯންނާނެ ކަމަށެވެ.