ކޮރޯނާ އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރާ އަސަރުތަކުގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކަށް ލުއި ދޭން ނިންމައިފިއެވެ.
އެސްޑީއެފްސީ އިން ނިންމާފައިވަނީ އެ ކުންފުނިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމަށެވެ.
އަދި މި ހަމަސްދުވަހުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ކުޑަކުރަން ނިންމާފައިވާކަމަށްވެސް އެސްޑީއެފްސީ އިން ބުންޏެވެ.
އެސްއެމްއީ ބޭންކުން ލޯނު ދޫކުރަނީ މައިގަނޑު ފަސް ދާއިރާ އަކުންނެވެ. އެއީ ދަނޑުވެރިކަމާއި މަސްވެރިކަން އަދި ރަށު ފަތުރުވެރިކަމާއި އައިސީޓީ އަދި އުފެއްދުންތެރިކަމާ ގުޅުންހުރި ދާއިރާތަކެވެ.
އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް އެސްޑީއެފްސީ އިން ލޯނުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދޫކުރެ އެވެ. ލޯނު އަނބުރާ ދެއްކުމަށް 18 މަހުގެ ގްރޭސްޕީރިއަޑަކާއެކު 10 އަހަރު ދެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްގީކުރަން ބޭނުންވާ ލޯނުވެސް އެސްޑީއެފްސީ އިން ދޫކުރެއެވެ. މިގޮތުން އެއް އަހަރުގެ ގްރޭސްޕީރިއަޑަކާއެކު 10 އަހަރުން ދައްކާ ގޮތަށް ގިނަވެގެން 500،000 ރުފިޔާގެ ލޯނު މި ކެޓަގަރީގެ ވިޔަފާރިތަކަށް ދޫކުރެ އެވެ.
އެސްޑީއެފްސީ އިން ދެން ލޯނު ދޫކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ ހަރު މުދާ ގަތުމަށާއި ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް އަދި ކުދި ވިޔަފާރިތަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި މާލީ އެހީ ލިބޭނެ ގޮތަކަށް އަދި ގެސްޓުހައުސް ވިޔަފާރި ފެށުމަށާއި އެ މަސައްކަތް ކުރި އެރުވުމަށެވެ.
އެސްއެމްއީތަކަށް ހާއްސަކޮށް މިއަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވިދާޅުވީ ކޮރޯނާގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް މަޑުޖެހުން އައިސްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިވަގުތު ބޭންކުތަކުގެ ބާރުތައް ކުޑަކޮށް، މާލީ ދާއިރާ އަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން މިއީ ރަނގަޅު ދަނޑިވަޅެއް ކަމަށެވެ. އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް، ބޭންކް ލޯނުގެ އިންޓްރެސްޓް ރޭޓު ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ފައްޔާޒު ވިދާޅުވެފަ އެވެ.