ސަރުކާރު ބަންދުވުމާއެކު ޓެލި ކިލާސްތައް މެދުކަނޑާލައިފި

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ އާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމުން ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޓެލިކިލާސް ޕްރޮގްރާމު މެދުކަނޑާލަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 26ގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓެލިކިލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކިޔަވައިދިނުމުގެ ޕްރޮގްރާމުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، މި ދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭއިރު ދީނީ ކަންތަކަށް އަހުލުވެރިކޮށް، ދަރިވަރުންގެ ސްކްރީން ޓައިމް މަދުކޮށް ގޭތެރޭގައި ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކުގައި ބައިވެރި ކުރުމަށާއި ގޭތެރޭގެ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުމަށް ބެލެނިވެރިންނަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން ފޮތްކިޔުމާއި ލިޔުމުގެ މަސައްކަތްތަކަށް ދަރިން އަހުލުވެރިކޮށް ކުދިންގެ ނަފްސާނީ އަދި ޖިންމާނީ ދުޅަހެޔޮކަމަށް އިސްކަންދީ، އިގްތިސޯދު ކުރަން ދަސްކޮށްދިނުމާއި، ކޮރޯނާ އާއި ގުޅޭ ކަންކަމުގައި ދަރިންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ހިއްސާ ކުރުމަށް ބެލެނިވެރިންނަށްވަނީ އިލްތިމާސް ކޮށްފަ އެވެ.

އެ ދެންނެވުމުގައި އެޑިއުކޭޝަނުން ވަނީ ސޯޝަލް ޑިސްޓެންސިން އަށް އަހުކުވެރިވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ފުރަތަމަ ޓާމުގެ މިޑްޓާމް ބްރޭކަށްފަހު ކިޔެވުން ފަށައިފައެއް ނުވެ އެވެ. ނަމަވެސް ގްރޭޑު 10 ގެ ދަރިވަރުންނަށް ހާއްސަކޮށް ޕީއެސްއެމްގެ "ޔެސް ޓީވީ" މެދުވެރިިކޮށް އެޑިއުކޭޝަން އިން ދަނީ "ޓެލި ކިލާސް" ގެ ނަމުގައި ފިލާވަޅުތައް ނަގައިދޭ ޕްރޮގްރާމެއް ކުރިއަށް ގެންދަމުންނެވެ.

ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 13 މީހަކު ފެނުމާއެކު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ދެ ހަފްތާ އަށް ސްކޫލުތައް ބަންދުކޮށްފައިވާއިރު ހަފްތާއަކަށް ސަރުކާރު ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް