މަޖިލީހުން ދެން ބާއްވާނީ ލާޒިމު ޖަލްސާތައް އެކަނި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތް ހަފްތާ ސަރުކާރު ބަންދުކުރަން ނިންމާފައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލިސް ބަންދުނުވާނެ ކަމަށާއި، ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، މަޖިލީހަށް ލިބިދާނެ ގެއްލުމަކަށް ސަލާމަތް ކުރުމަށް، މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިހުތިޔާރު މަޖިލީހުގެ ގަވާއިދުގެ 247 ވަނަ މާއްދާއިން މަޖިލީހުގެ ރިޔާސަތަށް ލިބިދީފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެހެން ނަމަވެސް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވޭނެ ކަމަށެވެ.

"މަޖިލީހުން ބަލަހައްޓާން ޖެހޭ ކަންކަން މަޖިލީހުން ބަލަހައްޓަމުން ގެންދާން ޖެހޭ، އިންތިހާބު ފަސްކުރުމަށް ބޭނުންވާ ގާނޫނު އެ އުފެދިގެން އައިސް އެ ގާނޫނު ވެސް ފާސްވެ ނިމެން ޖެހޭ. ލޯކަލް ކައުންސިލްގެ މުއްދަތު ޖޫނަށް ވުރެ އިތުރަށް ދެމިގެން ދަނީ ކަމުގައި ވާނަމަ އެކަމަށް ވެސް މި މަޖިލީހުން އެބަ ފަރުވާއެއް ހޯދަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ކޮރޯނާވައިރަސް ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ދިމާވާނެ ކަންކަމުގެ އަންދާޒާ މަޖިލީހުގައި އޮންނަންޖެހޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ ވެދާނެ ކަމަކަށް ދުރާލާ ތައްޔާރަށް އޮންނަން ޖެހޭ ތަނެއް ކަމަށެވެ.

"އެކަމުގެ ތެރޭގައި އަޅުގަނޑުމެން ތިބުމަކީ ރާއްޖޭގެ ރައްޔިތުން މި މަޖިލީހާ ހަވާލުކޮށްފައި އޮންނަ ގާނޫނީ މަސްއޫލިއްޔަތު. އެހެންވީމަ މަޖިލިސް ކޮންމެ ގަޑިއެއްގައި ވެސް ދަންނަވަން ޖެހިދާނެ. މަޖިލިސް އަށް ތިބޭފުޅުންނަށް ދެންނެވީމާ އެ ދަންނަވާ ދުވަހެއްގައި އެ ދަންނަވާ ގަޑިއެއްގައި މަޖިލީހަށް އެއްވެވޭ ގޮތަކަށް ތިއްބެވުމަކީ ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސްޓާފުންނާއި، މަޖިލީހުގެ މަސައްކަތްތަކުގައި އުޅޭ ގިނަ ފަރާތްތައް މި މުއްދަތުގައި މަސައްކަތް ކުރާނީ ގޭގައި ކަމަށެވެ. އެއީ ޗުއްޓީއެއް ނޫންކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު މަޖިލީހުން ހަމަޖައްސައިދޭނެ ކަމަށެވެ.

"މަޖިލީހުގެ ޖަލްސާތައް ބޭއްވޭނީ އެ އިރެއްގައި އެ ޖަލްސާއެއް ބޭއްވުމަށް ކޮންމެހެން ލާޒިމު ކުރީމާ އެ ޖަލްސާއެއް. މީގެ މާނައަކީ ހޯމަ ދުވަހުގެ ޖަލްސާއެއް އޮންނާނެ ކަމަކަށް އަޅުގަނޑު އިއުލާނެއް ނުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް މަޖިލިސް ބާއްވަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، އާދީއްތަ ދުވަހުގެރޭ ދަންވަރު ވެސް ޖަލްސާ ތާވަލް ކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމަށާއި، ސަރުކާރުން މަޖިލީހުގެ އެހީ ބޭނުންވާ ކޮންމެ ގަޑިއެއްގައި އެ މަސައްކަތަށް އަވަސްވެ ގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނަޝީދު މިއަދު ވަނީ ދެއްވައިފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން މާދަމާ އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް