މަތިވެރި އަދިވެސް ބަންދު، އިތުރު ހަ ބިދޭސީއަކު ފަރުކޮޅުފުއްޓަށް

އއ. މަތިވެރި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނުމާ ގުޅިގެން، ވަގުތީގޮތުން ބަންދުކޮށްފައިވާ އއ. މަތިވެރިން އިތުރު އަށް މީހަކު ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ފެސިލިޓީއަށް ގެންގޮސްފިއެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ހުރުމުން މަތިވެރިން ދެ މީހަކު އެކަހެރިކޮށްފައިވަނީ އިއްޔެއެވެ. އެ ދެ މީހުންނަކީ އެ ރަށަށް އައި ދެ ބިދޭސީންނެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، އެ ދެ ބިދޭސީންގެ ސާމްޕަލް ނެގި ޓެސްޓުކުރަން ފޮނުވާފައިވާ ކަމަށާއި، އެ ދެ މީހުން ތިބީ ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ފެސިލިޓީގައި ކަމަށެވެ.

ބައްޔަށް ތުހުމަތު ކުރެވޭ ބަޔަކު ފެނުމުން އެ ރަށް އޮތީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މަބްރޫކް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން، އިތުރު ހަ ބިދޭސީއަކު މިހާރު ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހަ މީހުންނަކީ ބައްޔަށް ތުހުމަތު ކުރެވޭ ދެ ފަރާތުގެ އާއިލާއެވެ.

އެ ރަށުގައި ގިނަ ގެސްޓްހައުސްތައް ހުންނައިރު، އެ ރަށަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރަށެކެވެ. އެ ރަށް އަދިވެސް އޮތީ މޮނިޓަނިންގެ ހާލަތުގައެވެ.

މަތިވެރީގެ އިތުރުން މިހާރު މޮނީޓަރުންގެ ހާލަތުގައި އޮތީ ގިލިލަންކަންފުށި ރިސޯޓާއި އާވީ ދޫރެސް އަދި ލަޑާގިރާވަރު ރިސޯޓެވެ. އޭގެ އިތުރުން ކުރެއްދޫ ރިސޯޓު އަދިވެސް އޮތީ އޮރެންޖް އެލާޓްފައެވެ. އެ އެލާޓްގައި ވެސް ރިސޯޓަށް މީހުން އެރުން ވަގުތީ ގޮތުން މަނާވާނެ އެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ތިބީ 13 މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، ކުރަމަތި ރިސޯޓުން ދެ މީހަކާއި، ސޭންޑީސް ބަތަލާއިން ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހަކާއި އައިލެންޑް ސަފާރީ ބޯޓުން ޕޮޒިތިވްވި ދެ މީހެކެވެ.

އެޗްޕީއޭއިން ބުނީ ވައިރަހަށް ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

comment ކޮމެންޓް