ރޯގާ ކްލިނިކްތަކަށް 959 މީހުން ދައްކައިފި

މާޗް 14، 2017: މީގެ ކުރިން ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާއަށް ގާއިމްކުރި ހާއްސަ ކްލިނިކް -- ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދާދި ފަހުން ހުޅުވި ހާއްސަ ތިން ކްލިނިކަކަށް 959 މީހުން މިއަދާ ހަމައަށް ދައްކާފައިވާކަމަށް ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ގާއިމްކުރި ތިން ކްލިނިކަކީ، ސެނެހިޔާގައި ހުޅުވި ފްލޫ ކްލިނިކާއި ޓްރެވަލް ކްލިނިކާއި ބިދޭސީންނަށް ހުޅުމާލޭގައި ހުޅުވި އެކްސްޕެކްޓް ކްލިނިކެވެ.

ކޮރޯނާ ވައިރަސްގެ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ތިން ކްލިނަކަށް ދެއްވި މީހުންގެ ތަފްސީލް ހާމަކޮށްފަ އެވެ.

ކްލިނިކްތަކަށް ދެއްކި މީހުން:

  • ފްލޫ ކްލިނިކް - 714 މީހުން
  • ޓްރެވަލް ކްލިނިކް - 192 މީހުން
  • އެކްސްޕެކްޓް ކްލިނިކް - 53 މީހުން

މިއަދުގެ ނިއުސް ކޮންފަރެންސްގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ކޮރޯނާވައިރަހާ ގުޅިގެން 94،350 މީހުންނަށް ޓްރެއިންދީފައިވާ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދިނުމަށް ހާއްސަ ހޮޓްލައިންއެއްވެސް ގާއިމްކޮށްފަ އެވެ. އެ ހޮޓްލައިންއަށް މިހާތަނަށް 7،299 ކޯލް ލިބިފައިވާ އިރު، ފާއިތުވި 24 ގަޑިއިރު ތެރޭ އެކަނިވެސް 668 ކޯލް ލިބިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގެ ޕޯޓްތަކުން 238،701 މީހަކު ސްކްރީން ކުރިއިރު 57 މީހަކަށް ރާއްޖެ ވަނުމުގެ ފުރުސަތު ދީފާ ނުވާ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ އިޓަލީގެ ނުވަ މީހަކާއި ދެކުނު އެފްރިކާ މީހަކާއި އިނގިރޭސިވިލާތުގެ މީހަކާއި ޖަރުމަނު މީހެއްގެ އިތުރުން ތުރުކީ މީހެކެވެ.

comment ކޮމެންޓް