ލަނޑާގިރާވަރު ހުޅުވާލައި ފުރަވެރި މޮނިޓަރިން އަށް

ފޯ ސީޒަން ރިސޯޓް---

ފޯ ސީޒަންސް ލަނޑަގިރާވަރު (ބ. ލަނޑާގިރާވަރު)އިން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވުނު ދެ ބިދޭސީން ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ދެ ބިދޭސީންގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، ދެމީހުން ވެސް ވައިރަހަށް ނެގެޓިވް ކަމަށެވެ.

އެމީހުންގެ ނަތީޖާ ނެގެޓިވް ވުމުގެ އިތުރުން، ކޮންޓެކްޓު ޓްރޭސިން ނިމިފައިވާތީ، އެ ރިސޯޓު މިހާރު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުރަވެރި އައިލެންޑް ރިސޯޓުގައި ތިބި ދެ ބިދޭސީއެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން އެ ދެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، އެ މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބި، ކޮންޓެކްޓު ޓްރޭސިން ނިމެންދެން އެ ރިސޯޓު މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ. މޮނީޓަރިން ހާލަތުގައި އެ ރިސޯޓަށް މީހުން އަރައި ފޭބުން ވަގުތީގޮތުން މަނާ ވާނެ އެވެ.

ފުރަވެރީގެ އިތުރުން އަންނަތާރާ ކިހާވަށް ރިސޯޓުން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހެއް ފެނިގެން އެ ރިސޯޓު ވެސް އޮތީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.

މި ދެ ރިސޯޓުގެ އިތުރުން މިހާރު މޮނީޓަރުންގެ ހާލަތުގައި އޮތް ރިސޯޓުތަކަކީ ގިލިލަންކަންފުށި ރިސޯޓާއި އާވީ ދޫރެސް އެވެ. އޭގެ އިތުރުން ކުރެއްދޫ ރިސޯޓު އަދިވެސް އޮތީ އޮރެންޖް އެލާޓްފައެވެ. އެ އެލާޓްގައި ވެސް ރިސޯޓަށް މީހުން އެރުން ވަގުތީ ގޮތުން މަނާވާނެ އެވެ. ހަމައެއާއެކު އއ. މަތިވެރި ވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ތިބީ 23 މީހުންނެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓެލް ގައި މިވަގުތު 15 މީހަކު އެބަތިއްބެވެ.

ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީއަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް