އިތުރު ސަފާރީއަކުން ދެމީހަކު ޓެސްޓުކުރަނީ

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަފާރީއެއްގައި ތިބި ދެ ބިދޭސީންގެ ގައިން ކޮރޯނާވައިރަސް، ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައި ވަނީ "މައި ސްކައި" ކިޔާ ސަފާރީއެއްގައި ތިބި ދެމީހުންގެ ފަރާތުން ކަމަށެވެ.

މިހާރު އެ ދެމީހުން އެކަހެރިކޮށްފައިވާ ކަމަށާއި، ސަފާރީ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި "އައިލެންޑް ސަފާރީ 1" ކިޔާ ސަފާރީއަކުން ޕޮޒިޓިވްވި ދެމީހުން ހިމެނެއެވެ.

ދެން ހިމެނެނީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ. އެޗްޕީއޭއިން ބުނީ އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ބައްޔަށް ޝައްކު ކުރެވޭ މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް އަންނަތާރާ ކިހާވާށް ރިސޯޓާއި އއ. މަތިވެރި އާއި އިތުރު ތިން ރިސޯޓެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

އެއީ ގިލިލަންކަންފުށި ރިސޯޓާއި އާވީ ދޫރެސް އަދި ލަޑާގިރާވަރު ރިސޯޓެވެ. އޭގެ އިތުރުން ކުރެއްދޫ ރިސޯޓު އަދިވެސް އޮތީ އޮރެންޖް އެލާޓްފައެވެ. އެ އެލާޓްގައި ވެސް ރިސޯޓަށް މީހުން އެރުން ވަގުތީ ގޮތުން މަނާވާނެ އެވެ.

comment ކޮމެންޓް