މަންޓާ އެއާ އިން ކޫއްޑޫ ދަތުރުތައް މެދުކަނޑާލައި، އެހެން ދަތުރުތައް ވެސް މަދުކޮށްފި

މަންތާ އެއާގެ އެއާކްރާފްޓެއް --- ފޮޓޯ/ މަންތާ އެއާ

މަންޓާ އެއާ އިން ގއ ކޫއްޑޫ އަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލާ، އެހެން މަންޒިލްތަކަށް ކުރާ ދަތުރުތައް މަދުކުރަން ނިންމައިފި އެވެ.

އެ އެއާލައިން އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެ އެއާލައިންގެ ދަތުރުތަކުގެ ޑިމާންޑަށް އައިސްފައިވާ ބަދަލާއެކު، ކޫއްޑޫ އަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑަލާ، އެއާލައިންގެ ފްލައިޓް ޝެޑިއުލަށް ވަގުތީ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

މަންޓާ އިން ބުނީ ކޮރޯނާ އާއެކު ޑޮމެސްޓިކް ދަތުރުތަކުގެ ޑިމާންޑު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، ދަތުރުތައް ކެންސަލްވާ މިންވަރުވެސް ވަރަށްބޮޑަށް އިތުރުވަމުންދާ ކަމަށެވެ.

"މިހާރުގެ ހާލަތަށްބަލާ، ކުރިއަށް އޮތްތަނުގައި މާލީގޮތުން އެއާލައިންއަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް ކޫއްޑޫ އަށް ކުރަމުންދިޔަ ދަތުރުތައް މާޗު 29 އިން ފެށިގެން ވަގުތީގޮތުން ހުއްޓާލާ، މަންޓާ އިން ދަރަވަންދޫ އަދި ދާލު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އަދަދު މިހާރުން ފެށިގެން މަދުކުރަން ވަނީ ނިންމާފައި،" އެ އެއާލައިނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މަންޓާ އިން ބުނީ އެ އެއާލައިނުގެ ދަތުރުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެއާލައިނުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. މި ދަނޑުވަޅުގައި ޓިކެޓު ބަދަލު ކުރުމަށާއި ކެންސަލޭޝަން އަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާނެކަންވެސް އެ އެއާލައިނުން ފާހަގަ ކުރެ އެވެ.

ކޮރޯނާ އާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރަމުންދާއިރު ލައްކައަކަށްވުރެ ގިނަ ޓޫރިސްޓު ބުކިންގްސް ވަނީ ކެންސަލް ވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު، ބައެއް ގައުމުތަކުން ރާއްޖެ އަންނަ މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ޗައިނާ، އިޓަލީ، އިރާނު، ބަންގްލަދޭޝް، ސްޕެއިންގެ އިތުރުން ދެކުނު ކޮރެއާ އާއި ފްރާންސްގެ ދެ ސަރަހައްދަކާޢި ޖަރުމަނުގެ ދެ ސަރަހައްދެކެވެ.

comment ކޮމެންޓް