ކޮރޯނާވައިރަސް: މީރު އައިލެންޑުން ޓެސްޓުކުރި 12 މީހުންވެސް ނެގެޓިވް

މީރު އައިލެންޑް ރިސޯޓު --

ކޮރޯނާވައިރަސް އަށް ޝައްކުވާ އަލާމާތްތައް ފެނިގެން މީރު އައިލެންޑު ރިސޯޓުން ޓެސްޓު ކުރި އެންމެންގެ ނަތީޖާވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

ކޮރޯނާވައިރަސް އަށް ޝައްކުވާ އަލާމާތްތައް ފެނުނު ބަޔަކު ތިބެގެން މީރު އައިލެންޑް ރިސޯޓު އަރައިފޭބުން މަނާކޮށްފަ އެވެ. ނަމަވެސް އެ ރިސޯޓުން ޓެސްޓު ކުރި 12 މީހުންގެ ނަތީޖާވެސް ބައްޔަށް ނެގެޓިވް ވެފައިވާތީ މިހާރު އެ ރަށް އޮތީ މޮނީޓަރިން ހާލަތަށް ގެނެވިފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އިއްޔެ އެކަނި ތިން މީހަކު ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ޕޮޒިޓިވް ކޭސްތައް:

  • ކުރެއްދޫ އައިލެންޑް ރިސޯޓް: 5 މީހެއް.
  • ބަތަލާ ރިސޯޓް: 2 މީހުން.
  • ކުރަމަތި ރިސޯޓް: 2 މީހުން.
  • އަނަންތަރާ ދިގު ރިސޯޓް: 2 މީހުންނާއި.
  • އައިލެންޑް ސަފާރީ ބޯޓް: ދެ މީހުން.

އެޗްޕީއޭ އިން ބުނީ ފަރުކޮޅު ގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި 11 މީހަކު އެބަތިބި ކަމަށާއި ވިލިވަރު ކަރަންޓީނު ފެސިލިޓީގައި 18 މީހަކު އެބަތިބި ކަމަށެވެ. އަދި ހަތަރު މީހަކު އައިޖީއެމްއެޗްގެ ހާއްސަ ޔުނިޓެއްގައި ވެސް ވަނީ އެޑްމިޓްކޮށްފަ އެވެ.

ބައްޔަށް ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ސްޓޭބުލް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް