ގދ މާވާރުލުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ދަތުރު ފެށުން ފަސްކޮށްފި އެވެ.
ސިވިލް އޭވިއޭޝަން މިނިސްޓްރީ އިން މިއަދު ބުނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މާވާރުކު އެއާޕޯޓަށް ދަތުރު ފަށަން ނިންމާފައިވީނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެ އެއާޕޯޓަށް ދަތުރު ފެށުން ފަސްކޮށްފައިވާ ކަމަށެވެ.
މިހާރު އެ އެއާޕޯޓަށް ދަތުރު ފަށަން ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.
މާވާރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
އޭރު ޓްރާސްޕޯޓު މިނިސްޓްރީ އިން ބުނީ ދަތުރުތައް ފަށާއިރު މަސައްކަތް ކުރާނީ ދުވާލަކު އެއް ފްލައިޓު ބޭއްވޭތޯ ކަމަށެވެ.
" އައިލެންޑް އޭވިއޭޝަނުން ޑިމާންޑަށް ބަލާފައި ފްރެކުއެންސީ އިތުރު ކުރާނެ. މި ސަރަހައްދުގައި އެއާޕޯޓެއް ހުޅުވުމަކީ މި ސަރަހައްދުގެ ރިސޯޓުތަކަށް އަންން ފަތުރުވެރިން އުފުލުމަށް ބޮޑު ލުޔަކަށް ވާނެ،" އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު މީގެ ކުރިން "ސަން"އަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އެއާޕޯޓާއެކު އެ ސަރަހައްދުގެ ވިޔަފާރިތަކަށްވެސް ފަސޭހަވާނެ ކަމަށާއި ކަނެކްޓިވިޓީ ރަނގަޅުވާނެ ކަމަށެވެ.
މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. ޖުމްލަ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރާ މި އެއާޕޯޓުގެ މަސައްކަތްމި އަހަރުގެ ކުރީކޮޅު ނިންމާ ދަތުރު ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ގދ. މާވާރުލުގެ އިތުރުން އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ސްޕީޑް ލޯންޗުގައި 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީ ކުރުމެވެ.