ބައްދަލުވުންތައް ހުއްޓާލުމުން ގައިދީން އޮފިސަރުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގަނީ

މާލޭ ޖަލު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ޖަލުތަކުގައި ތިބި ގައިދީންގެ ރައްކާތެރިކަމަށް އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލުމާ ގުޅިގެން މާފުށީ ޖަލާއި މާލޭ ޖަލުގައި ހަމަނުޖެހުން ހިންގައިފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ މާފުށީ ޖަލުގައި ސީރިއަސް ކުށްތަކުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައިވާ ބައެއް މީހުން ޖަލު އޮފިސަރުންގެ ވާޖިބަށް ހުރަސް އަޅާ، ޖަލުގެ ޔުނިޓުތަކާއި ފާހާނާތަކާއި ކޮރިޑޯތައް ސާފުކުރުމަށް އެއްބާރުލުން ނުދީ ކުރިމަތިލާން މަސައްކަތް ކުރި ކަމަށެވެ.

އެ ހަމަނުޖެހުމުގައި ހަތަރު ބަންދު މީހަކާއި ފަސް އޮފިސަރަކަށް އެކި ވަރުގެ ކުދި އަނިޔާ ވެފައިވާކަމަށް ކަރެކްޝަންސް އިން ބުންޏެވެ. ކަރެކްޝަންސް އިން ބުނީ އެއްވެސް ބަންދު މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އެމީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށެވެ.

އަދި ހަމަނުޖެހުންތަކާ ގުޅިގެން އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި، އެކަން އެމީހުންގެ އާއިލާއާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.

މާފުށީ ޖަލުގެ އިތުރުން ރޭ ވަނީ މާލޭ ޖަލުގައި ވެސް ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ކަރެކްޝަންސް އިން ވަނީ ފުލުހުންގެ އެހީތެރިކަން ވެސް ހޯދައިފައެވެ.

މާލޭ ޖަލުގައި ހިންގި ހަމަނުޖެހުމުގައި ފަސް ބަންދު މީހަކަށާއި ފަސް އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާވި ބަންދު މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، ޖަލުގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ކަރެކްޝަންސް އިން ބުނީ މި ހަމަނުޖެހުންތަކަށް ފަހު، ޖަލު އޮފިސަރުންނަށާއި މުވައްޒަފުންނަށް ތަފާތު އިންޒާރުތައް ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން ރޭ ރޭގެ ވަގުތެއްގައި މާލޭ މަގުމަތިން ހިނގާފައި ދިޔަ ޖަލު އޮފިސަރަކަށް މަރުތޭލަކުން ހަމަލާދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މީގެ އިތުރުން ކަރެކްޝަންސްގެ ބައެއް އުޅަނދުތަކުގެ ބިއްލޫރިގަނޑު ތަޅާލައި، ބައެއް އިމާރާތްތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ. މިހާރު މި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.

ކަރެކްޝަންސް އިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ހައްސާސް ދަނޑިވަޅުގައި ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުން އަންނާތީ، ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންނާއި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މަސައްކަތަށް ވެސް ބުރޫ އަރަމުން އަންނަ ކަމަށެވެ.

އަދި އެފަދަ އަމަލުތަކުގެ ސަބަބުން ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންނާމެދު އާންމުންގެ މެދުގައި ނަފްރަތު އުފެދެމުން އަންނާތީ، އެކަންކަން ވަނީ ކުށްވެރިކޮށްފައެވެ.

އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލީ ރާއްޖޭގައި 30 ދުވަހުގެ ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން ޖަލުތަކުގެ ގައިދީންނާއި އެތަންތަނުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

ބައްދަލުވުންތައް މެދުކަނޑާލުމުގެ އިތުރުން އާއިލާގެ ފަރާތުން ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ، މިފަދަ ނާޒުކު ދަނޑިވަޅެއް ނަމަވެސް އާއިލާއާއި ގައިދީންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ފޯނު ކޯލުތަކަށް މިހާރު ފޯރުކޮށްދެމުންދާ މިންވަރު އިތުރުކުރާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

comment ކޮމެންޓް