ކޮރޯނާވައިރަސް: ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމައިފި

ޝަހީދުންގެ ދުވަހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / ރައީސް އޮފީސް

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރު ބާއްވާ ޖަލްސާ މި އަހަރު ނުބާއްވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމީ، މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ބާރުއަޅަމުންދާތީ ކަމަށެވެ.

ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމީ ހޯމް މިނިސްޓްރީގެ އެކްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިންނެވެ.

ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމި ނަމަވެސް ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދަން ރާވާފައިވާ ގިނަމީހުން އެއްވުން ނުހިމެނޭ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްތާލުންގެ ޒިކުރާ އާކުރުމަށެވެ.

އެ ދުވަސް ނިސްބަތްވެގެން ވަނީ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި އަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހެވެ.

comment ކޮމެންޓް