ރީތި ބީޗް ރިސޯޓު (ބ. ފޮނިމަގޫދޫ)ގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު ކޮރޯނާވައިރަހަށް ޓެސްޓުކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
އަދި އެ ރިސޯޓު މިވަގުތު އޮތީ މޮނީޓަރިން ހާލަތުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ. މޮނީޓަރިން ހާލަތަށް ރީތި ބީޗް ރިސޯޓު ގެނައުމާއެކު ދެން އެ ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާވާނެއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރީތި ބީޗް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު މޮނިޓަރިންގް ހާލަތުގައި އޮތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮރޯނާ ވައިރަސްއަށް މިހާތަނަށް ހަތަރު ރިސޯޓަކުން 10 ބިދޭސީން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ. އެންމެ ފުރަތަމަ ވައިރަސް ފެނުނު ކުރެއްދޫ ރިސޯޓުން ފަސް މީހަކު މިހާތަނަށް ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. ބަތަލާ ރިސޯޓު އާއި ކުރަމަތި އައިލެންޑް ރިސޯޓުގެ ކޮންމެ ރިސޯޓަކުން ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަނަންތާރާ ރިސޯޓުުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. އެންމެ ފަހުން މިއަދު ކުރެއްދޫ އިން ވައިރަހަށް ޕިޒިޓިވްވި މީހާއާއެކު ޕޮޒިޓިވްވި މީހުންގެ އަދަދަކީ 10 އެވެ.
ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން 30 ދުވަހަށް ކުއްލި ސިއްހަތުގެ ނުރައްކަލުގެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކޮށްފަ އެވެ.
އެ ނިންމުމާ އެކު ގާނޫނުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޑިކެޓަރަށް ލިބޭ ބާރުގެ ދަށުން މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ޕާކްތައް ބަންދުކުރުމާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީތަކުން އެކްސްކާޝަންއަށް މާލެއަށް ޓޫރިސްޓުން ގެނައުން 14 ދުވަހަށް ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން މިއަދު ވަނީ، ކޮލެޖު، ޔުނިވާސިޓީތައް ވެސް 14 ދުވަހަށް ބަންދުކޮށްފަ އެވެ. އަދި މާލެ ސިޓީގެ ޓޫރިސްޓު ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް ބިދޭސީ ފަތުރުވެރިން މިރޭ 12 އިން ފެށިގެން ޗެކްއިންވުން ވެސް ވަނީ މަނާކޮށްފަ އެވެ.