ފޭކް ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރާން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބްރެޒިލްގެ ރޮނާލްޑީނިއޯ މިނިވަން ކުރުމަށް އޭނަގެ ކުރީގެ ބާސެލޯނާ ޓީމްމޭޓް ލިއޮނެލް މެސީ އެހީތެރިވަމުންދާކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ފޭކް ޕާސްޕޯޓް މައްސަލައިގައި ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ޕެރަގުއޭއިން ހައްޔަރުކުރީ މި މަހުގެ ހަތްވަން ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލައިފައެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާއަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީއެވެ.
ރޮނާލްޑީނިއޯ ހައްޔަރުކޮށްފައި ހުންނަތާ މިއަދަށް ހަފްތާއެއް ވެފައިވާ އިރު އޭނާ މިނިވަން ކުރުމަށް އެކި ފަރާތްތައް އަންނަނީ މަސައްކަތް ކުރަމުންނެވެ، އެގޮތުން ބްރެޒިލްގެ ޖަސްޓިސް މިނިސްޓްރީގެ އިތުރުން އޭނަގެ ކުރީގެ ޓީމް މޭޓް މެސީވެސް އަންނަނީ ރޮނާލްޑޯނިއޯ މިނިވަން ކުރުމަށް އެހީތެރިވަމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ބޭރުގެ ނޫހެއް ކަމަށްވާ 90މިނެޓްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެސީ އަންނަނީ ރޮނާލްޑީނިއޯ މިނިވަންކުރުމުގެ ގޮތުން ހަތަރު ލޯޔަރުން އެ ކޭސްއަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ހަތަރު ލޯޔަރުން މިކަމަށް ހަމަޖެއްސުމަށް މެސީގެ އަތުން ހަތަރު މިލިއަން ޔޫރޯ ހަރަދުކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް މެސީގެ ފުޓުބޯޅަ ކެރިއަރުގެ ފުރަތަމަ ދުވަސްވަރު އެންމެ ބޮޑަށް އެހީތެރިވެދިން ރޮނާލްޑީނިއޯ މިނިވަންކުރުމަށް އޭނާ ހަރަދުކުރާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރޮނާލްޑީނިއޯގެ ވަކީލު ސާޖިއޯ ކުއިރޯޒް ވަނީ ރޮނާލްޑީނިއޯގެ ބަންދަކީ ގާނޫނާ ހިލާފު ބަންދެއްކަމަށް ކުރިން ބުނެފައެވެ. އޭނާ ބުނި ގޮތުގައި ރޮނާލްޑީނިއޯ ކުށެއް ނުކުރެއެވެ. ސަބަބެއް ކަމަށް ދެއްކީ ރޮނާލްޑީނިއޯއަށް ދީފައިވާ ޕޯސްޕޯޓް ފޭކްކަމެއް އޭނާއަށް ނޭގުމެވެ.