ކަރަންޓީނަށް ދެކޮޅުހަދާނަމަ ކޯޓު އަމުރެއް ހޯދޭ އުސޫލަށް އަމަލުކުރަންފަށައިފި

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ގައިން ގަޔަށް އަރާ ބަލިތައް ހުންނަ މީހުންނަށް އަންގާ އެންގުންތައް ތަންފީޒު ކުރަން ކޯޓު އަމުރެއް ނެރެވޭ އުސޫލު އެކުލަވާލައި އެއަށް އަމަލުކުރަންފަށައިފި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ގޮތުން ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން ކަމާ ބެހޭ ފަރާތްތަކަށް އެންގިދާނެ އެވެ.

އެ އެންގުން ރައްދުވާ މީހާ އެ އެންގުމަށް ބޯލަނބަން ދެކޮޅުހަދާ ނަމަ، އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްްސަލައެއް ހުށަހެޅިދާނެ ކަމަށް ވެސް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވެ އެވެ. ސިވިލް ކޯޓުން ނެރޭ އެފަދަ އަމުރެއް ތަންފީޒު ކުރަން ފުލުހުންގެ އެހީތެރިކަންވެސް ހޯދިދާނެ ކަމަށްވެސް އެ ގާނޫނުގައިވެ އެވެ.

އެ ގާނޫނުގެ ދަށުން އެކުލަވާލައި މިއަދު އަމަލު ކުރަން ފެށި އުސޫލުގައި ވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގުމެއް ނެތި އެ މައްސަލައިގައި އެދިފައިވާ އަމުރާ މެދު ގާޒީއަށް ގޮތެއް ނިންމިދާނެ ކަމަށެވެ.

އެ އުސޫލުގައި ބުނެފައި ވަނީ އެ އުސޫލުގެ ދަށުން މައްސަލައެއް ލިޔުމުން ނުވަތަ މެއިލްއަކުން ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ފީއެއް ނެގުމަކާ ނުލައި ކޯޓުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސްވެ އެވެ.

ކޯޓުން ނެރެދޭ އަމުރު އިތުރު ކުރަން އެދޭ ނަމަ އަމުރުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ސަބަބު ބަޔާންކޮށް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައިވެ އެވެ.

މި އުސޫލު އެކުލަވާލައި އެއަށް އަމަލުކުރަން ފަށާފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއިން ފެނުނު މީހުން ދަނީ ކަރަންޓީނު ކުރަމުންނެވެ. ކަރަންޓީނު ކުރެވޭ ފެސިލިޓީތައް މިހާރު ހުރީ ކ. ވިލިވަރާއި ފަރުކޮޅުފުށީގައެވެ.

comment ކޮމެންޓް