ސްޓޫޑަންޓް ލޯނަށް 1300 ދަރިވަރުން ކުރިމަތިލި: ހަޔާ އެޑިއުކޭޝަން

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މީޑިއާ އަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު ހުޅުވާލި ސްޓޫޑަންޓް ލޯނަށް ގިނަ އަދަދެއްގެ ދަރިވަރުން ކުރިމަތިލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ ލޯނަށް އެދި 1300 ދަރިވަރުން ކުރިމަތިލި ކަމަށެވެ. ނަމަވެސް ކުރިމަތި ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކުރިމަތިލި ދާއިރާގެ ތަފްސީލެއް ނުދެ އެވެ.

ލޯނަށް އެދުމުގެ މުއްދަތު ހަމަވީ މިދިޔަ ހޯމަ ދުވަހު އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި 550 ލޯނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ފުރުސަތުގެ ދަށުން އެ ލޯނަށް މިހާރު ކިޔަވަމުންދާ ކުދިންނާ އަލަށް ކިޔަވަން ފަށަން ބޭނުންވާ ކުދިންނަށް ވެސް ކުރިމަތިލެވޭގޮތަށް އޮތީ ހުޅުވާލައިފައެވެ.

ލޯންތައް ދޫކުރާ ދާއިރާތައް:

  • ޑިޕްލޮމާ ލެވެލް - 45 ފުރުސަތު
  • ލައިސަންސް ޕްރޮގްރާމްތަކަށް - 30 ފުރުސަތު
  • ފުރަތަމަ ޑިގްރީއަށް - 252 ފުރުސަތު
  • މާސްޓާސް - 126 ފުރުސަތު
  • ޕީއެޗްޑީ - 10 ފުރުސަތު
  • އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް - 87 ފުރުސަތު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ލޯނަށް ހޮވޭ ފަރާތްތައް އަންނަމ މަހު 20 ގައި އިއުލާންކުރާނެ ކަމަށެވެ. މިފަހަރުގެ ލޯން ސްކީމަށް 151 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.

comment ކޮމެންޓް