މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ލަފާދީފިއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ބަލި ފެތުރުން ހުއްޓުވުމަށް ވަގުތީ ގޮތުން ސްކޫލްތައް ބަންދުކުރުން ވަރަށް މުހިންމު ކަަމަށެވެ.
ސްކޫލްތައް ބަންދުކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮވިޑް ފެތުރޭތީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީތައް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ކެއްސާ ރޯގާ ޖެހިފައިވާނަމަ ޔުނިވާސިޓީއަށް ނައުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލި ޖެހިފައިވާ ސަރަހައްދުތަކުގެ ތެރެއިން ގައުމީ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވޭނެގޮތް ވަނީ ހަމަޖައްސަައިފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑްގެ ހަ ކޭސްއެއް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ކުރެއްދޫ ރިސޯޓުން ފެނުނު ހަތަރު ކޭސްއާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭސް ހިމެނެއެވެ. ކޮވިޑްއާ ގުޅިގެން މިހާރު ފަސް ރިސޯޓް އޮތީ ލޮކްޑައުންގައެވެ.