ކޮވިޑް-19: ސްޓެލްކޯގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފި

ސްޓެލްކޯ--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ސްޓެލްކޯއަށް އައިސް ބިލް ދެއްކުން ފަދަ ހިދުމަތްތައް ހޯދުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުުމަތް ހޯދުމަށް އެ ކުންފުނިން އެދެފިއެވެ.

މިއަދު ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވުމާއެކު، ދިވެހި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ކުންފުނިން ދެމުންދާ ހިދުމަތްތައް ލިބިގަތުމަށް އެ ކުންފުންޏަށް ޒިޔާރަތްކުރުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތް ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސްޓެލްކޯއިން އެދުނީ ބިލު ދެއްކުން ފަދަ ކަންކަމަށް އެ ކުންފުނީގެ އެޕްލިކޭޝަނާއި ވެބްސައިޓު ބޭނުންކުރުމަށެވެ. އެ ކުންފުނީގެ އެޕްލިކޭޝަން ތައްޔާރުކޮށްފައިވާނީ ބިލުތަކުގެ ތަފްސީލު ބެލުމާއެކު ފަސޭހައިން ބިލު ދައްކާލެވޭ ގޮތަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"މި ފުރުސަތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ހުރިހާ ރައްޔިތުންވެސް މި ދަނޑިވަޅުގައި ސަރުކާރުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، ސާފުތާހިރުކަމަށް ލޯބިކުރުމާ އެކު، އެކަކު އަނެކަކަށް އަޅާލައި، އެއްބައިވަންތަކަމާއެކު މުޅި ދުނިޔެއަށް ނަމޫނާ ދައްކަމުންގެންދާނެ ބަޔަކަށް ވުމެވެ." ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ވައިރަހަށް 71 މީހަކު ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ހަަތަރު މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހެކެވެ.

ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީވެސް ބިދޭސީންނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް