ސްކޫލުތައް ބަންދުކުރުން ބުއްދިވެރި: ޑރ. ނިޔާފް

އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު، ރާއްޖޭގައި ސްކޫލުތައް ބަންދުކުރުން ބުއްދިވެރިކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވެއްޖެއެވެ.

ސްކޫލު ޗުއްޓީއަށް ރަށްރަށަށް ނުވަތަ އެހެން ގައުމުތަކަށް ދިޔަ ކުދިން ޗުއްޓީ ނިމުމުން އަނބުރާ މާލެއަށް އަންނަން ގާތްވެއްޖެކަން ފާހަގަކޮށް، ސްކޫލުތައް ހުޅުވުން ރައްކާތެރިތޯ ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނިޔާފު ވިދާޅުވީ، ބުއްދިވެރި ގޮތަކީ ސްކޫލުތައް ބަންދުކުރުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހާއްސަކޮށް މަތީ ގްރޭޑުތަކާއި ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަކީ ކުރެވޭނެ ކަމެއްތޯ ބެލުން މުހިންމު ކަމަށެވެ.

ވައިރަސް ފެތުރިފައިވާ ބައެއް ގައުމުތަކުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ސްކޫލުތައް ބަންދުކޮށްފައެވެ. ޗައިނާ ފަދަ ގައުމުތަކުގައި ސްކޫލުތައް ބަންދު ކުރި ސަރަހައްދުތަކުގައި އޮންލައިންކޮށް ދަރިވަރުންނަށް ފިލާވަޅު ނަގައިދެމުންދެ އެވެ.

ރާއްޖެއިން ކޮވިޑް-19 ވައިރަހަށް މިހާތަނަށް 71 މީހަކު ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ. އެ ހަ މީހުންނަކީވެސް ބިދޭސީންނެވެ. މިހާރު މުޅި ޖުމްލަ 11 ފަރާތެއް ފަރުކޮޅުފުށީގައި ވަނީ ކަރަންޓީން އަދި އެކަހެރިކޮށްފަ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ބުންޏެވެ.

comment ކޮމެންޓް