ސީ ޕްލޭން ޓާމިނަލް މައްސަލާގައި ޓީއެމްއޭ އިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށްފި

އެމްއޭސީއެލްއިން ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް--

އާ ސީޕްލޭން ޓާމިނަލްގައި ލައުންޖުތައް ހިންގުމާ ގުޅޭ ގޮތުން ރިސޯޓުތަކާ އެކު އެމްއޭސީއެލް އިން ކުރި މަޝްވަރާތަކަށް ޓީއެމްއޭ އިން ނުފޫޒު ފޯރުވައި ހުރަސް އެޅި ކަމަށް އެމްއެސީއެލްގެ ކުރީގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލް މުޖުތަބާ ލަތީފު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މުޖުތަބާ ވިދާޅުވީ ލައުންޖު ޖާގައަކީ ކޮންމެހެން އޮޕަރޭޓަރުންނަށް ދޭން ޖެހޭ ޖާގައެއް ނޫން ކަމަށާއި އެގޮތަށް ދިނުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތް ވެސް ނޫން ކަމަށެވެ.

ދައުލަތަށް ފައިދާ ބޮޑުވާނީ ލައުންޖު ޖާގަ ރިސޯޓުތަކަށް ކުއްޔަށް ދީގެން ކަމަށާއި އެކަން ކުރުމަށް ޓަކައި ރިސޯޓުތަކާ މަޝްވަރާކުރަން ފެށުމުން ޓީއެމްއޭ އިން ގުޅައި އެކަން ހުއްޓުވި ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގެ މައްސަލައާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ކުރީގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލް، މުޖްތަބާ ލަޠީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުން-- ފޮޓޯ/މަޖިލިސް

"ޓީއެމްއޭގެ ބޭފުޅުން އަޅުގަނޑުގެ ދަށުން މަސައްކަތްކުރި ހުސައިން ފަޒީލަށް ގުޅާފައި އެބަހުރި، ރިސޯޓުތަކާ މީޓުކުރާތީ އެކަން ހުއްޓާލަން. ހުއްޓާލަން ގުޅުއްވާފައި ބުނީ ކަލޭމެންނަށް ތިމަންނަމެންގެ ކްލައިންޓުންނާ މިގޮތަށް ބައްދަލު ނުކުރެވޭނޭ. އެކަމަކު ރާއްޖޭގެ ރިސޯޓުތައް އޮތީ ޓީއެމްއޭ ނުވަތަ މޯލްޑިވިއަން ނުވަތަ މަންތާގެ ކްލައިންޓުންގެ ގޮތުގައި ކަމެއް އަޅުގަނޑަކަށް ނޭނގޭ،" މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ ރިސޯޓުތަކާ ބައްދަލުކުރާ ކުރުމަކީ އެމްއޭސީއެލްގެ ބޯޑުގެ ނިންމުންތަކާ ހިލާފަށް ކުރާ ކަމެއް ކަމަށާއި އެ މީޓިންތަކާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީނަށާއި އެމްޑީ [އެކްޓިންގް މެނޭޖިންގް ޑިރެކްޓަރު މޫސާ ސޯލިހު]އަށް ގުޅާނެ ކަމަށް ޓީއެމްއޭ އިން ގުޅި ފަޒީލް ކިޔާ ބޭފުޅާ ބުނި ކަމަށެވެ.

ޓީއެމްއޭ ފަޒީލުގެ ފޯނުކޯލު އައިތާ 15 ވަރަކަށް މިނެޓު ފަހުން އެ ދެ ބޭފުޅުން ހުސައިން ފަޒީލަށް ގުޅުމަށް ފަހު މީޓިންތައް ހުއްޓާލަން އެންގި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

ނަމަވެސް އެ ބައްދަލުވުންތައް ހުއްޓުވަން އެ ދެ ބޭފުޅުން އެންގެވި އިރު އެއީ އެމްޑީއަށް ބަރާބަރަށް ބްރީފްކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކެއް ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބޯޑު ރިޒޮލިއުޝަނެއްގެ ދަށުން ބޯޑު ޑިރެކްޓަރު އިބްރާހިމް ނޫރައްދީނަށް ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ.

އެކުންފުނީގައި އެކްޓިން މެނޭޖިން ޑިރެކްޓަރެއް ހުންނެވި ނަމަވެސް ކަންކަން ހިނގަނީ ނޫރައްދީން ބޭނުންވާ ގޮތަށް ކަމަށާއި ޓީއެމްއޭއަށް ޓާމިނަލް ތިން އަހަރަށް ދޭން ކަރުދާސް ތައްޔާރުކުރަން އެންގެވީ ވެސް އޭނާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މިއީ ކޯޕަރޭޓް ގަވަނަންސްއާ ފުށުއަރާ ކަމެއްގެ ގޮތުގައި މުޖުތަބާ ސިފަ ކުރެއްވި އެވެ.

މުޖުތަބާގެ އެ ތުހުމަތާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މުޖުތަބާއަކީ 23 އަހަރުގެ ދިގު މުއްދަތަކަށް އެމްއޭސީއެލްގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭނާ އެންމެ ފުރަތަމަ މަގާމުން ވަކި ކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަނެއްކާ ވެސް ވަޒީފާ ދިނުމަށް ފަހު ދެން ވަޒީފާ އިން ވަކިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގަ އެވެ.

މުޖުތަބާ ވިދާޅުވީ 2019 ވަނަ އަހަރު އޭނާ ވަޒީފާ އިން ވަކިކުރީ ދޮޅު މަހެއްހާ ދުވަހުގެ މުއްދަތަކަށް މަގާމުގެ ޒިންމާއިން ދުރު ކުރުމަށް ފަހު ކަމަށެވެ. އަދި އެފަހަރު މަގާމުގެ ޒިންމާއިން ދުރުކުރީ ޓާމިނަލުން ލައުންޖު ދިނުމާ ގުޅޭ ގޮތުން ރިސޯޓުތަކާ އެކު ބައްދަލުކުރުން ހުއްޓުވަން ޓީއެމްއޭ އިން ގުޅިތާ ދެތިން ދުވަސް ފަހުން ކަމަށް މުޖުތަބާ ފާހަގަކުރެއްވި އެވެ.

މުޖުތަބާގެ އިތުރުން ހަމަ އެ ދުވަހު އެމްއޭސީއެލްގެ ސީއެފްއޯ، ފައިނޭންސް ހާމިދު ރިޒާ ވެސް މަގާމުގެ ޒިންމާއިން ދުރުކުރި ކަމަށާއި ނަމަވެސް އޭނާ ވަޒީފާ އިން ވަކިކުރީ އެހެން ތާރީހެއްގައި ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

comment ކޮމެންޓް