ލޮކްޑައުން ކުރުމުގެ ކުރިން ކުރެއްދޫ އިން ބޭރުވި 8 މީހަކު އަނބުރާ ރިސޯޓަށް

ކުރެއްދޫ އައިލެންޑް ރިސޯޓު --

ކުރެއްދޫ ރިސޯޓް ލޮކްޑައުން ކުރުމުގެ ކުރިން އެރަށުގައި ތިބި އަށް ފަތުރުވެރިއަކު ކައިރީ އޮންނަ ހުރަވަޅި ރިސޯޓަށް ދިޔަ ކަމަށާއި އެ އަށް މީހުން އަނބުރާ ރިސޯޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ދެމީހުންނަކީ އެ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނެވެ. ކުރެއްދޫގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ރިސޯޓުގެ ހާލަތު އަންނަނީ އާންމު ކުރަމުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ކުރެއްދޫ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށް ލޮކްޑައުންކުރުމުގެ ކުރިން، އެ ރިސޯޓުގައި ތިބި އަށް ފަތުރުވެރިއަކު ހުރަވަޅި ރިސޯޓަށް ރޭގަނޑު ކެއުމަކަށް ދިޔަކަމަށެވެ. މިހާރު އެ އަށްމީހުން އެމްއެންޑީއެފްގެ އެހީ އާއެކު އަނބުރާ ކުރެއްދޫ އަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.

މިއަދު އެ ރިސޯޓުން ބުނީ އިއްޔެ ބައްޔަށް ޕޮޒިޓިވްވި އެ ރިސޯޓްގެ އިތުރު ދެ ބިދޭސީ މުވައްޒަފުން، އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޓީމަކުން މިއަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދެމީހުންގެ ބައިވެރިންވެސް ސަލާމަތީ ސަބަބުތަކަށްޓަކާ އައިސޮލޭޝަން އަށް ގެންދާނެ ކަމަށް ވެސް ރިސޯޓުން ބުންޏެވެ.

ކުރެއްދޫ އިން ކޮވިޑް19 ފެނިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ އިޓަލީ ފަތުރުވެރިއަކު އެނބުރި ގައުމަށް ގޮސް، އޭނާ ބައްޔަށް ޕޮޒިޓިވް ވިކަން އެންގިފަހުންނެވެ. އެންމެ ފުރަތަމަ އެ ރިސޯތުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ރަށުގެ ޑޮކްޓަރާއި އިތުރު މީހެކެވެ. މިހާރު އެ ރިސޯޓު އޮތީ މީހުން އަރާފޭބުން މަނާކޮށް ލެވެލް އޮރެންޖުގެ ހާލަތުގަ އެވެ. ރިސޯޓު ލޮކްޑައުން ކުރި އިރު 699 ފަތުރުވެރިން ތިބިކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އެ އެންމެން ވެސް ތިބީ އެ ރަށުގަ އެވެ.

comment ކޮމެންޓް