ކޮވިޑް-19 އާ ގުޅިގެން ސައުދީގެ ގާތިފް ސަރަހައްދު ލޮކްޑައުންކޮށްފި

ސައުދީ އަރަބިއްޔާގެ ހޮސްޕިޓަލެއްގައި ހިދުމަތް ދެނީ---

ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮންވިންސްގެ ސިޓީއެއް ކަމަށްވާ ގާތިފްގައި ކޮވިޑް-19 ފެތުރޭތީ އެ ސިޓީ ލޮކްޑައުންކޮށްފިއެވެ.

ގާތިފްއަކީ ގިނަ އަދަދެއްގެ ޝީއީ މުސްލިމުން ދިރިއުޅޭ ސަރަހައްދެކެވެ. ގާތިފްގައި ކޮވިޑް-19 ބަލި ފެތުރުނީ އެ ސަރަހައްދުގެ މީހުން އިރާންއަށް ދަތުރުކުރުމުގެ ސަބަބުންނެވެ. އީރާނުގައި ހަލުވި ކަމާއެކު މިހާރު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ.

ގާތިފްގެ މީހުން އިރާނަށް ދަތުރުރަނީ އެގައުމުގައި ހުންނަ ޝީއީންގެ މުގައްދަސް ތަންތަނަށް ޒިޔާރަތްކުރުމަށެވެ. އެގޮތުން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު އީރާންގެ ގޯމްއަށް ގާތިފްގެ މީހުން ދަތުރުކުރެއެވެ.

ސައުދީން ބުނީ އެގައުމުގައި ކޮވިޑް-19 މުޅިންވެސް ފެނުނީ ގާތިފްއިން ކަމަށެވެ. އެ ސަރަހައްދުން 11 ކޭސް ވަނީ ފެނިފައެވެ.

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ދިޔައިރުވެސް ސައުދީގެ މީހުން އީރާންއަށް އެތެރެވުމުގެ ފުރުސަތު ދީފައިވާތީ ސައުދީންވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިވެސްކޮށްފައެވެ. ސައުދީގެ ރައްޔިތުންގެ އީރާންއަށް ދިއުން މަނާކޮށްފައިވާއިރު އެގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަަމަށް ވަނީ ބުނެފައެވެ.

ގާތިފްއަކީ ސައުދީގެ އެންމެ ގިނައިން ތެޔޮ އުފައްދާ ޕްލާންޓްތައް ހުންނަ ސަރަހައްދެއްވެސް މެއެވެ. ނަމަވެސް އެ ސަރަހައްދު ބަންދުކުރިޔަސް ތެޔޮ އުފެއްދުމަށް އަސަރުނުކުރާނެ ކަަމަށް ސައުދީން ވަނީ ބުނެފައެވެ.

comment ކޮމެންޓް