ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސްޕީޗް ތެރެޕީގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ފޮޓޯ: ކޭއޯ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސްޕީޗް ތެރެޕީގެ ހިދުމަތް ފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު "ސަން" އަށް މިރޭ ވިދާޅުވީ އެ ހޮސްޕިޓަލްގައި އެ ހިދުމަތް ރަސްމީކޮށް ފެށީ އިއްޔެ ކަމަށެވެ.

އޭގެ ކުރިންވެސް ސްޓްރޯކް ޖެހިފައިވާ ފަރާތްތަކަށް ސްޕީޗް ތެރެޕީ ކޮންމެވެސް ވަރަކަށް މިމަހު އެކަކުން ފެށިގެން ދެމުންގެންދާ ކަަމަށް ދާއޫދު ވިދާޅުވި އެވެ.

އެ ހިދުމަތަށް މިހާރުވެސް 30 މީހުންނަން ނޯޓުކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

" މިހާރު މި ދޫކުރަނީ ދުވާލަކަށް ހަަތަރުު އެޕޮއިންޓްމަންޓް. ދެން ސްޕީޗް ތެރެޕީ އާސަންދައިން ކަވަރުކުރާނެ" ދާއޫދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު ފަރުވާ ދެނީ އެންމެ ސްޕީޗް ތެރެޕިސްޓެކެވެ.

ދާއޫދު ވިދާޅުވީ މީގެ ކުރިން ސްޕީޗް ތެރެޕީ ހޯދަން ކުޅުދުއްފުށްޓާއި އެ ރަށްކައިރީގެ މީހުން ދާން ޖެހެނީ މާލެއަށް ކަމަށެވެ. އެހެންކަމުން މިއަދު ފެށި ހިދުމަތާއެކު ރައްޔިތުންނަށް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް