ސައުދީ ރަސްގެފާނުގެ ކޮއްކޯފުޅާއި ޝާހީ އާއިލާގެ އިތުރު ދެ މެމްބަރަކު ހައްޔަރުކޮށްފި

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއި (ވ) ރަސްގެފާނުގެ ކޮއްކޯފުޅު މުހައްމަދު ބިން ނާއިފު -- ފޮޓޯ: ގެޓީ

ރިޔާޒު (މާޗް 7): ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ ތިން އިސް މެމްބަރަކު އިއްޔެ ހައްޔަރުކޮށްފި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ނިއު ޔޯކް ޓައިމްސް އާއި ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން ސައުދީގައި ހައްޔަރުކޮށްފައި ވަނީ ސަލްމާން ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒާއި ކުރީގެ ވަލީ އަހުދު މުހައްމަދު ބިން ނާއިފު އާއި އޭނާގެ ކޮއްކޯފުޅު ނަވާފް ބިން ނާއިފު އެވެ. އަލް ޖަޒީރާގައިވާ ގޮތުން ޕްރިންސް އަހުމަދާއި ޕްރިންސް މުހައްމަދު ބިން ނާއިފުގެ މައްޗަށް ވަނީ ގައުމަށް ގައްދާރުވުމުގެ ތުހުމަތުކޮށްފަ އެވެ.

އެމެރިކާގެ މީޑިއާތަކުން ވަނީ އެމީހުން ހައްޔަރު ކުރުމާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުމެއްވާ ކަމަށް ބުނެފަ އެވެ. އަދި އެމީހުން ހައްޔަރުކޮށްފައި ވަނީ މޫނު ފޮރުވައިގެން ތިބި ގާޑުންތަކެއް އެމީހުންގެ ގެޔަށް ގޮސް، އެ ގެތައް ފާސް ކުރުމަށް ފަހު ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައިވެ އެވެ.

މުހައްމަދު ބިން ނާއިފު ވަނީ 2017 ވަނަ އަހަރު ސައުދީގައި ކުރިއަށްގެން ދިޔަ އެންޓި ކޮރަޕްޝަން ކެމްޕެއިން ތެރޭގައި ވެސް ހައްޔަރުކޮށްފަ އެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދެވި އެ ކެމްޕެއިންގައި 200އަށް ވުރެ ގިނަ އަމީރުންނާއި ވިޔަފާރިވެރިންނާއި މިނިސްޓަރުން ހައްޔަރު ކުރި އެވެ. އަދި އެމީހުން ބޭތިއްބީ ރިޓްޒް ކާލްޓަން ފަދަ ހޮޓެލްތަކުގަ އެވެ.

ސައުދީން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެގައުމުގެ އެންޓި ކޮރަޕްޝަން ކެމްޕެއިން ނިންމާލާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކެމްޕެއިންގެ ދަށުން ދައުލަތަށް ނަގާފައިވާ ފައިސާ އާއި މުދަލުގެ އަގު 100 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް