ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ ބޮޑު ފެއާ އައިޓީބީ، ބާލިން 2020 ކެންސަލް ކުރުމުން އޭގެ އަސަރު މިހާރުވެސް ކުރަން ފަށާފައިވާ ކަމަށާއި، ގެއްލުން ކުޑަކުރަން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ބުނެފި އެވެ.
އެމްއެމްޕީއާރްސީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރު ވަރަށް ކާމިޔާބު ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، މި އަހަރު ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން މިހާރު ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދުނިޔޭގެ ބޮޑެތި މާކެޓްތައް ހީނަރުވެ، ގިނަ އެއާލައިންތަކުގެ ދަތުރުތައް މަދުކޮށް، އަދި ހުއްޓާލުމުގެ އިތުރުން ފަތުރުވެރިން ވެސް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން މަޑުޖެހިފައިވާ ކަމަށެވެ.
ފަތުރުވެރިން ދަތުރުކުރުން މަދުކޮށްލުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އެނގުން ވެލާފައިވާ ކަމަށާއި ވަރަށް ބޮޑު ގެއްލުންތަކެއް ރާއްޖެއަށް ވާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
އެހެން ނަމަވެސް ރާއްޖެއިން އަދި މިހާތަނަށް އެ ވައިރަސް ފެނިފައި ނުވުމަކީ ލިބިފައިވާ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށާއި، އެހެންކަމުން ރާއްޖެއަށް މަޑުމަޑުން ކޮންމެސް ވަރެއްގެ ޑިމާންޑެއް ލިބެމުން އަންނަ ކަމަށެވެ.
އެހެންކަމުން ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން މިހާރު ތަފާތު މަސައްކަތްތަކެއް ފަށާފައިވާކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
އެގޮތުން މުހިންމު މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ފެށުނު އޮންލައިން އަދި ޑިޖިޓަލް ކެންޕޭނުތަކާ ރާއްޖޭގެ ވިޒިބިލިޓީ ކެމްޕޭނުތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދަން ވަނީ ފަށައިފައެވެ.
މީގެ އިތުރުން ކޮވިޑް19 ވައިރަހުގެ އަސަރު އެންމެ ކުޑަ ގައުމުތައް ކަމުގައިވާ ރަޝިއާ އަދި އިންޑިއާއަށް ހާއްސަ ސަމާލުކަމެއް ދީގެން އިތުރު ހަރަކާތްތައް ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
"އޭގެ އިތުރަށް އަޅުގަނޑުމެން ބެލީ ސަރުކާރު ލެވެލްގަ މިކަމުގައި ރަޝިއާ އާއެކު މަސައްކަތްތަކެއް ފަށަން މި މަހުގެ ތެރޭގައި، އެހެން ނަމަވެސް އެކަންތައް އަޅުގަނޑުމެން ކުޑަކޮށް މަޑުޖައްސާލައިފިން،" ތޮއްޔިބު ވިދާޅުވިއެވެ.
އެއާލައިންތަކާއެކު ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ސިންގަޕޯ އެއާލައިންސް އާއެކު ޗައިނާ، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، ޖަޕާން، އެމެރިކާ އަދި ސިންގަޕޫރުގައި ކުރަމުންގެންދާ ޖޮއިންޓު މާކެޓިން ކެމްޕޭނާއި، އެއާ އޭޝިއާ އާއެކު އޭޝިޔާގެ މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޖޮއިންޓް ކެމްޕޭން ހިމެނެއެވެ.
އަދި ބޮޑެތި ޓުއާ އޮޕަރޭޓަރުން ތެރޭގައި ހިމެނޭ ތޮމްސަން ހޮލިޑޭޒް، އަލްޕިޓޫރް އަދި އަލްމުސާފިރު ފަދަ ފަރާތްތަކާއެކު ވެސް ކެމްޕޭނުތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
"އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ނުދިޔަސް، މިކަންކަން މިދަނީ ކުރެވެމުން،" ތޮއްޔިބު ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން އައުޓްޑޯ ކެމްޕޭންތައް އިޓަލީ، އިނގެރޭސިވިލާތް، އޭޝިއާ، ޗައިނާ، ޖަރުމަނު ފަދަ ގައުމުތަކުގައި ހިނގަމުން ދާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
"މި ކެމްޕޭންގެ ތެރެއިން އަދިވެސް އެބޭފުޅުންނަށް ރާއްޖެ ފެންނާނެ. ރާއްޖެ އިޝްތިހާރުވާނެ، އެހެންވީމަ އިރާދަކުރެއްވިއްޔާ މިކަން ރަނގަޅުވިހާ އަވަހަކަށް މިކަންކަމުން ފައިދާ ކުރާނެ،" ތޮއްޔިބު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެ އިޝްތިހާރުކުރުމަށް ސީއެންއެން އާއެކުވެސް ބޮޑު ކެމްޕޭނެއްގައި އެމްއެމްޕީއަރްސީން ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ގްރޭޓް ބިގް ސްޓޯރީޒް އާއި ނިއުސް އެޑިޓޯރިއަލް ބޭނުންކުރުމުގެ އިތުރަށް ޝޯޓް އިޝްތިހާރުތައް ދެއްކުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.
"އަޅުގަނޑުމެން ކުރަން ފަށާފަ ހުރި ކަންތައްތަކަކީ ވެސް ހުއްޓިފަ ހުރި ކަންކަމެއް ނޫން. ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަ ދޭ،" ތޮއްޔިބު ވިދާޅުވިއެވެ.
ކޮވިޑް19 ފެތުރެމުން ދާތީ ފަތުރުވެރިކަމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކެންސަލް ކޮށްފައެވެ. އެގޮތުން އައިޓީބީ އިންޑިއާ ވެސް ކެންސަލްވެފައިވާކަން އަންގާފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
އައިޓީބީ އިންޑިއާ އާއެކު މިހާތަނަށް އައި އިރު ތިން ފެއާ އެއް ވަނީ ކެންސަލް ވެފައެވެ. އަދި ހަތަރު ރޯޑްޝޯ އެއް ކެންސަލް ކޮށްފައިވާއިރު ޔޫއޭއީގައި ބާއްވާ ޕާޓާ އެނުއަލް ސަމިޓް ވެސް ވަނީ ކެންސަލްކޮށްފައެވެ.
ތޮއްޔިބު ވިދާޅުވީ އޭޕްރީލް މަހު ދުބާއީގައި ބާއްވާ އެރެބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) އާއި ޑަބްލިއުޓީއެމް އެފްރިކާ އަށް ވާނެގޮތެއް އަދި ނޭނގޭ ކަމަށެވެ.