އަނެކުންނަކީ މޮޔައިންނަށް ހައްދަވަނީތޯ އެވެ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު: ބަހުސުތަކުގައި ބައިވެރިވެވަޑައިގަންނަވާ --

ކުރިން ރައްޔިތުންގެ މަޖިލީސް ހިންގި، ނާދީ އިމާރާތުގެ ފެންޑާމަތީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު މަޖިލީސް ކަވަރު ކުރުމަށް ތިބި ހަނދާން އަޅުގަނޑު ބޮޑުކޮށްވެ އެވެ. އެ ދުވަސްވަރު މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވަނީ ކުރީގެ ބޮޑުވަޒީރު އަދި ފަހުން މަޖިލީހުގެ ރައީސް އޯކިޑްމާގެ އަހުމަދު ޒަކީ އެވެ. މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުގައި ޒަކީ އިންނަވާ އިރު ގިނަ ފަހަރަށް އިންނަވާނީ ލޯފުޅު މަރުއްވައިގެންނެވެ. ބަލާ މީހުންނަށް ހީވާނީ އެ އިންނަވަނީ އަވަހާރަޅު ލައްޕަވައިގެން ކަމަށެވެ. އެކަމަކު އެހެނެއް ނޫނެވެ؛ މެންބަރުންގެ ބަހުސަށް ޖާގަދެއްވައިގެންނެވެ. ފަހަރެއްގައި ވެސް އަވަހާރަފުޅުލައްޕަވައިގެން އިންނަވަނީއެއް ނޫނެވެ. ވަރަށް ހުޝިޔާރަށް އިންނެވުމަށް ފަހު، އެއް މެންބަރަކު ވާހަކަ ދައްކަވައި ނިމުމުން އަނެއް މެމްބަރަކަށް ފުރުސަތު ދެއްވަ އެވެ. އަދި އެހެންމެ މުޅި ހައުސް ދިމާކްރާތީ އުސޫލުން ކޮންޓްރޯލުގައި ގެންގުޅުއްވި އެވެ. ބަހުސުގައި ބައިވެރިވެވަޑައިނުގަތުމުގެ އިތުރަށް، ދެ ފަރާތް ހަމަހަމަވުމުން ނޫނީ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ގަވާއިދުގައި އޮންނަ ގޮތަކީ ވެސް އެއީ އެވެ.

ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ ވެސް އެއީ އެވެ. ހުދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކިޔަވައި ވިދާޅުވި އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގައި ވެސް އަމަލު ކުރަނީ އެ ގޮތަށެވެ. އަދި ތަހުޒީބީ ގިނަ މުޖުތަމައުގައި ވެސް އަމަލުކުރާ ގޮތަކީ އެއީ އެވެ. މަޖިލީހުގެ ސުޕީކަރު ބަހުސުގައިބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި ސުޕީކަރު ކަމަށް އިންތިހާބުވުމަށް ފަހު، އިހުތިޔާރު ކުރައްވަނީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ބޭފުޅެއްގެ ގޮތުގަ އެވެ. އެއީ މަޖިލީހުގެ ހަމަހަމަ ކަން ގާއިމުކުރުމަށް ޓަކަ އެވެ. ވަކި ޕާޓީއަކުން ހޮވުނު ބޭފުޅަކަށް ވިއަސް، އެހާލަތުގައި ކުޅުއްވަނީ "ފަނޑިޔާރެއްގެ" ދައުރެވެ. އެއީ މަޖިލީހުގެ ގާނޫނާއި ގަވާއިދު ހިންގާ އެންމެ އިސް އޮފިޝަލަށް ވާތީ އެވެ.

އެހެނަސް އަޅުގަނޑެމެންގެ މަޖިލީހުގައިކަން ހިނގަނީ އެ ގޮތަށްތޯ އެވެ؟ މިދިޔަ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅުނު ކުއްލި މައްސަލައަކަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސްގެ ބަޔާނެއް އިއްވި އެވެ. އަދި ވިދާޅުވި އެވެ. މެންބަރުން ވޯޓު ދެއްވާ އިރު، ކްރޯނާ ވައިރަސްއާ ގުޅިގެން ދަތުރުފަތުރު ނުކުރުމަށް ޑަބްލިޔުއެޗުއޯ އިން ނުބުނާ ކަމަށާއި އެ މަގަށް ވޯޓު ދެއްވުމުގެ ކުރިން މެންބަރުން ވިސްނައިވަޑައިގުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އެދިވަޑައިގަތެވެ. މިއީ ސީދާ ވޯޓަށް ނުފޫޒުފޯރުވުމެއް ނޫންތޯ އެވެ؟

އެއީ އެ ދުވަހަ އެވެ. އެއޭގެ ކުރީ ދުވަހު ވެސް ހަމަ އެހެންނެވެ. ރައްޔިތުންގެ މަޖިލީހަށް ސުވާލު ކުރުމަށް ހާޒިރު ކުރެވިފައި އިންނެވީ ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދެވެ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވަޒީރާ ކުރެއްވި އެއް ސުވާލަކީ ޔޫރަޕަށް ރާއްޖެ އިން އެކްސްޕޯޓް ކުރާ މަހަށް 24 ޕަސެންޓްގެ ޑިއުޓީއެއް ނަގަން ފެށީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ކިހާވަރަކަށް މަސްވެރިން ނިކަމެތިކުރަން މަސައްކަތްކޮށްގެންތޯ އެވެ؟ މެންބަރުގެ އެ ސުވާލު މިނިސްޓަރަށް ފޮރޮޅާލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް ފައްޓަވަނީ ވެސް މިހެންނެވެ؛ "އިއްޒަތްތެރި ވަޒީރު، އިއްޒަތްތެރި މެންބަރު އެ ކުރައްވާ ސުވާލަކީ ޖީއެސްޕީ ޕްލަސް އިން ދިވެހިރާއްޖެ ނެއްޓުމަށް... ޔޫރިޕިއަން ޔޫނިއަނުން ނިންމަނީ ކޮންކޮން ސަބަބުތަކަކާ ހުރެތޯ؟ ލާ އިންސާނީ ކަންކަން ކިހާ މިންވަރަކަށް އެ ގައުމެއްގައި ހިންގައި ހުދުމުހުތާރުކަން ކޮން މިންވަރަކަށް ގެނައިމާތޯ" އެވެ. މަޖީލީހުގެ ރައީސްގެ އެ ސްޓޭޓްމަންޓަށް ނައިފަރު މެންބަރު ވިދާޅުވީ އޭނާ ސުވާލު ކުރެއްވީ މަޖިލީހުގެ ރައީސާ ނޫން ކަމަށާއި އޭނާ ސުވާލު ކުރެއްވީ ވަޒީރާ ކަމަށެވެ. ހަމަ އެ ދުވަހު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް އެ ޝަކުވާ ހަމަ އެ ގޮތަށް ކުރެއްވި އެވެ. އޭނާ ސުވާލު ކުރެއްވީ ވަޒީރާ ކަމަށާއި މަޖިލީހުގެ ރައީސާ ނޫން ކަމަށް ޖާބިރު ވިދާޅުވި އެވެ.

އެ ދުވަސް އެކަންޏެއް ނޫނެވެ. މިއީ މަޖިލީހުގެ ތަޅުމުގައި އާންމު ކަމެކެވެ. ތަޅުމަށް ހުސަހެޅޭ މައްސަލައެއްގައި މެންބަރުންނަށް ވުރެ ގިނައިން އެ މައްސަލަތަކުގައި ބަހުސުކުރައްވައި ކައްޗާ ދުއްވަން ބޭނުންފުޅުވާ ގަޑިތަކުގައި ކައްޗާ ދުއްވުމާއި މެންބަރަކު ވާހަކަ ދައްކަވައި ނިމުމުން އެބޭފުޅަކު ދެއްކެވި ވާހަކަފުޅަށް ކޮމެންޓް ކުރެއްވުމާއި އެ ވާހަކަފުޅުތައް ތަރުޖަމާކޮށްދެއްވުމަކީ މަޖިލީހުގެ ރައީސް ނަޝީދު އާންމުކޮށް ކުރައްވާ ކަމަކަށް ވަނީ ހައްދަވައިފަ އެވެ.

ތެދުފުޅެކެވެ. މަޖިލީހުގެ ރައީސް ނަޝީދަކީ ދޫހެލޭ، މައުލޫމާތު މުއްސަނދި ބޭފުޅެކެވެ. ހާއްސަކޮށް ސިޔާސީ މައުލޫއުތަކުގަ އެވެ. އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ރައީސް ވާހަކަ ދެއްކެވުމަކީ އެ މައުލޫއަކަށް މުއްސަނދިކަން ގެނުވާނެކަންކަން ވެސްމެ އެވެ. އެހެން ނަމަވެސް، ހުށަހެޅިފައިވާ ބިލަކާ ބެހޭ ގޮތުން އެ ނޫނީ މައްސަލައަކާ ގުޅިގެން ވެސް މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނަމަ އެ ފުރުސަތު މަޖިލީހުގެ ގަވާއިދުން ރައީސަށްލިބިދެ އެވެ. އެކަމަކު އެ ހާލަތުގައި ޖެހިވަޑައިގަންނަވާން ޖެހޭނީ ދާއިރާ ރަމްސީލު ކުރައްވާ ގޮނޑިއަށެވެ. ރިޔާސަތުގައި އިންނަވައިގެން ކޮންމެ ކޮންމެ މައްސަލަކަށް ވާހަކަ ދައްކަވައި ހިޔާލުފާޅުކުރައްވާކަށް ނުޖެހެ އެވެ. އެއީ މަޖިލީގެ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އަބަދު ވެސް ޑިމޮކްރެސީގެ ޗެމްޕިއަނުންކަމަށް ދައުވާ ކުރާ ބައެކެވެ. ގިނަ ފަހަރަށް އެކަން ހިނގާފައި ވަނީ ވެސް އެ މަގުން ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އެހެނަސް އެ މީހަކީ ހަގީގަތުގައި ކާކުކަން އަނެކުންނަށް ވަޒަންކޮށްލަން ލިބެނީ އެ މީހަކަށް ބާރު ލިބޭ ހިސާބުންނެވެ. މިއަދު މަޖިލީގައި އެމްޑީޕީގެ ސުޕާ މެޖޯރިޓީ އެބަ އޮތެވެ. އަދި މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ހުށަހެޅޭ މައްސަލަތަކުގައި މުޅި މައްސަލައަށް ވާހަކަ ދެއްކެވިއަސް އިދިކޮޅަށް ކުރެވޭނެ މާބޮޑު ކަމެއް މިވަގުތު ނޯންނާނެ ކަމީ ވެސް ހަގީގަތެވެ. އަދި ނަޝީދު ރިޔާސަތުގައި އިންނަވައިގެން ކިތަންމެ ވަރަކަށް ބަހުސުގައި ބައިވެރިވެ، ވާހަކަ ދެއްކެވިއަސް އެކަން އެމްޑީޕީ މެންބަރުންނަށް ގޯސް ވެސް ނުވެދާނެ އެވެ. އެއީ ރުހުމުގެ ލޮލަށް އައިބު ނުފެންނާނެތީ އެވެ. އެކަމަކު އެކަން ގޯހެވެ.

މަޖިލީހުގެ ރައީސް ނަޝީދުގެ ހިތްޕުޅުގައި އެމްޑީޕީގެ ސިޔާސީ ވިންދު ވަރަށް ގަދައަށް ޖަހާނެ ކަމީ ހަގީގަތެކެވެ. އެކަމަކު އެ މަނިކުފާނު ރިޔާސަތުގައި އިންނަވާ ނަމަ އެ ޖަޒުބާތު ސިއްރުކުރައްވައި އެންމެ ޕާޓީތަކުގެ މަސަލަހަތު ހިމާޔަތްކޮށްދެއްވަން ޖެހެ އެވެ. ބަހުސުތަކުން އެއްފަރާތް ވާން ޖެހެ އެވެ. ނޫނީ ތިޔަ ދެއްކެވެނީ ޑިމޮކްރެސީގެ ރީތި މިސާލެއް ނޫނެވެ. ދެން ތިބީންނަކީ މޮޔައިންނަށް ނުހައްދަވާށެވެ. އެ ބޭފުޅުން ކުރައްވާ ސުވާލުތަކުގެ މެދުވެރިއެއް ނޫނީ އެކަން ސަރަހަކޮށްދެއްވާކަށް މަނިކުފާނަކަށް ނުޖެހޭނެ އެވެ. ސުވާލެއް ސާފު ނުވާ ނަމަ އެ ވަޒީރަކު އެ ސުވާލު ކުރައްވާނެ އެވެ. އެއީ މަނިކުފާނުގެ ދައުރެއް ނޫނެވެ. ޑިމޮކްރެސީގެ "ޗެމްޕްޕިއަނުން" ޑިމޮކްރެސީގެ ރީތި މިސާލު ދައްކަވާށެވެ.

comment ކޮމެންޓް