ކިހާދޫން މިފަހަރު ދަނޑުވެރިކަން ކުރަން 30 ދަނޑު

ކިހާދޫ ދަނޑެއް- ފޮޓޯ: އޭދަފުށީ ވޮއިސް

ކުރިއަށް އޮތް ރޯދަ މަހަށް ބ. ކިހާދޫން 30 ދަނޑު ދޫކޮށްފައިވާ ކަމަށް އެ ރަށު ކައުންސިލްއިން ބުނެފި އެވެ.

ކިހާދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ މިފަހަރު 30 ގެއަކަށް 30 ދަނޑު ދޫކުރި ކަމަށެވެ. އެގޮތުން ދޫކޮށްފައި ވަނީ 40 ފޫޓް، 100 ފޫޓްގެ ދަނޑުތަކެކެވެ.

އެ ދަނޑުތައް ދޫކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

މިފަހަރު ދަނޑުތަކުގައި ކަރައާއި ބަރަބޯގެ އިތުރުން ކިއުކަމްބާ ފަދަ ބާވަތްތައް ހައްދަ އެވެ.

"މިހާރު ދަނޑިތައް ނޮޅާ އަންދައި މުޑުވަށްކޮށް ހެދެން ފަށައިފި ގަސްތައް." ޝަރީފް ވިދާޅުވި އެވެ.

މިދިޔަ އަހަރު ރޯދަ މަހު ކިހާދޫގެ ދަނޑުތައް ހަލާކުވުމުގެ ސަބަބުން އެކަށީގެންވާ ވަރަށް ތަރުކާރީއާއި މޭވާ ނުނެރެވުނެވެ.

ކިހާދޫގައި ހާއްދާ ބާވަތްތައް އާންމުކޮށް ވިއްކަނީ އެ އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށެވެ.

ކިހާދޫގެ އިތުރުން ބ. ގޮއިދޫގައި ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރެ އެވެ.

comment ކޮމެންޓް