އެމްއޭސީއެލުން ކުޅިވަރަށް ބޮޑު އަހައްމިއްޔެތެއް

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދި އެމްއޭސީއެލް -- ފޮޓޯ/ އެމްއޭސީއެލް

ކުޅިވަރުތަކަށާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުމަކީ ވަޒީފާތަކުގައި ތިބޭ ޒުވާނުންނަށް މަސައްކަތް ކުރުމަށާއި ދެން ތިބޭ މުވައްޒަފުނާއި ގުޅުން ބަދަހު ކުރުމަށް މުހިއްމު ކަމެކެވެ. އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ އެކަމުގައި މިސާލު ދައްކަމުން އަންނަ ކުންފުންޏެކެވެ.

ނިމިގެންދިޔަ އޮފީސް ބިލިއާޑް މުބާރާތާއި ބެޑްމިންޓަން މުބާރާތަކީ ރާއްޖޭގެ އޮފީސްތަކަށް ހުޅުވާލައިގެން ބޭއްވި ބޮޑު ދެ މުބާރާތެކެވެ. އެ ދެ މުބާރާތުން ވެސް އެންމެ ވިދުން ގަދަ އެއް ނަމަކީ އެމްއޭސީއެލް އެވެ. ރާއްޖޭގައި ބާއްވާ މިފަދަ ހުރިހާ މުބާރާތެއްގައި ވެސް ބޮޑު ކާމިޔާބީތަކެއް އެމްއޭސީއެލުން ހޯދުމުގެ ފަހަތުގައި އޮތީ އެ ކުންފުނިން ގެންގުޅޭ ސިޔާސަތުތަކުގެ މޮޅު ކަމެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން އެމްއޭސީއެލުން ހޯދީ ރޭ ކުޅުނު ފައިނަލުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށްގެންނެވެ.

ޖުމުލަ 13 ޓީމު ވާދަކުރި އެ މުބާރާތުގެ ފައިނަލުގައި އެމްޕީއެލް އަތުން އެމްއޭސީއެލް މޮޅުވީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 6-1 ފްރޭމުން އެމްއޭސީއެލުން ގެންދިޔަ އިރު، ދެވަނަ ގޭމު 2-6 ފްރޭމުން ގެންދިޔައީ އެމްޕީއެލް އެވެ. އަދި ވާދަވެރި ކުޅުމަކަށް ފަހު ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ 6-5 ފްރޭމުންނެވެ.

އަދި އެހެންމެ ރޭ ކުޅުނު ފަސް ވަނަ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ބައިން އެމްއޭސީއެލުން ވަނީ ރަނަރަޕްކަން ހޯދައިފަ އެވެ. ފައިނަލުގައި ކަސްޓަމްސްއާ ވާދަކޮށް ކުޑަތަފާތަކުން އެމްއޭސީއެލްގެ އަންހެން ޓީމު ބަލިވި ނަމަވެސް މުޅި މުބާރާތުގައި އެ ޓީމުން މޮޅު ކުޅުމެއް ދެއްކި އެވެ.

"އެމްއޭސީއެލުން އަބަދު ވެސް ކުޅިވަރުގެ ހަރަކާތްތައް ވަރަށް ފުރިހަމައަށް ރާވާނެ. އެކަމުގެ އެންމެ ބޮޑު މަގުސަދަކީ، މުވައްޒަފުން ދުޅަ ހެޔޮ ސިއްހަތެއްގައި ބޭތިއްބުމާއި، ކުންފުންޏަކީ ބޮޑު ކުންފުންޏަކަށް ވުމުން އެކި އެކި ސެކްޝަންތަކުގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އިތުރުން ސޯޝަލް މާހައުލެއް ގާއިމު ކުރުން،" އެމްއޭސީއެލްގެ އެޗްއާރުގެ ޑިރެކްޓަރު ފާރިޝް އަބްދުﷲ ވިދާޅުވި އެވެ.

ފާރިޝް ވިދާޅުވީ، ސްޓާފުން އެކި އެކި ކަންކަމުގައި އެންގޭޖް ކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ. އެގޮތުން އަހަރުގެ އެކި އެކި ހިސާބުތަކަށް ބަހާލައިގެން އިންޓާނަލީ ސެކްޝަންތަކުގެ މެދުގައި ވެސް އެކި އެކި މުބާރާތްތައް ބާއްވަމުން އަންނަ ކަމަށް ފާރިޝް ވިދާޅުވި އެވެ.

"މި ކުންފުންޏަކީ ފުޅާ ކުންފުންޏަކަށް ވުމާ އެކު ވަޒީފާ އަދާ ކުރާ އެކި އެކި ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް އިންްޓަ އޮފީސް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެން. އެގޮތުން މިއަހަަރު ކުރިއަށް އޮތްތާގައި ވެސް ވޮލީ، ފުޓްސަލް އަދި ބާސްކެޓު މުބާރާތްތަކުގައި ވެސް ވާދަކުރަން ނިންމާފައި އޮތީ." ފާރިޝް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ބޮޑު އިންސައްތައަކީ ޒުވާން މުވައްޒަފުންނަށް ވެފައި އެ ކުންފުނީގައި ތިބި ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް އަބަދު ވެސް ފަހި ފުރުސަތުތައް އެކުންފުނިން ފަހިކޮށްދެ އެވެ. އެގޮތުން ގައުމީ ޓީމުތަކުގައި ކުޅޭ ކުޅުންތެރިންނަށް ރިލީޒް ދިނުމާއި ކުލަބުތަކުގައި ކުޅޭ ކުޅުންތެރިންނަށް ވެސް މެޗަށް ރިލީޒްދޭކަން ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް