ސްޓަރިޖް ޖޫން މަހުގެ ނިޔަލަށް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފި

ލިވަޕޫލުގެ ކުރީގެ ފޯވާޑް ޑެނިއެލް ސްޓަރިޖް ---

ބެޓް ކުރުމުގެ ގަވާއިދާ ޙިލާފުވިކަން ސާބިތުވުމުން ކުރިން ލިވަޕޫލަށް ކުޅުނު ފޯވާޑް ޑެނިއަލް ސްޓަރިޖް ޖޫން މަހުގެ ނިޔަލަށް ދުނިޔޭގެ އެއްވެސް ފުޓުބޯޅަ ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭ) ހަދައިފި އެވެ.

ލިވަޕޫލަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު އެކުލަބުން މިދިޔަ ސީޒަނުގައި ރިލީޒް ދިން ސްޓަރިޖްއަށް މިދިޔަ ހަފްތާގެ ތެރޭގައި އެފްއޭއިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެއީ ސްޕެނިޝް ލީގުގެ ކުލަބެއް ކަމަށްވާ ސެވިޔާއާއާ ދެމެދު ހިނގި ޓްރާންސްފާ ޑީލުގެ އެތެރޭގެ ބައެއް ވާހަކަތައް އޭނަގެ ކޮއްކޮ ލިއޮންއާ ހިއްސާ ކުރުމުންނެވެ. އެ މައްސަލައިގައި އޭރު ސްޓްރިޖްއަށް އެފްއޭއިން ދިން އަދަބަކީ ދެ ހަފްތާގެ ސަސްޕެންޝަނަކާއި 75،000 ޕައުންޑުގެ ޖޫރިމަނާ އެކެވެ.

އެކަމަކު ސްޓަރިޖްއަށް ދިން އަދަބު ކުޑަކަމަށް ގަބޫލުކުރެވޭތީ އެފްއޭއިން ވަނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު އަދަބު ބޮޑުކޮށްފަ އެވެ. ޓާރކީގެ ޓްރެބްޒޮންސްޕޯރ ކުލަބުން އިއްޔެ ރިލީޒް ދިނުމާ އެކު ސްޓްރިޖްއަށް އެފްއޭއިން ދިން އަދަބަކީ ސީޒަން ނިމެންދެން ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުކުރުމެވެ.

"ޑެނިއަލް ސްޓަރިޖް ވަނީ މިއަަދުން ފެށިފެން ޖޫން 17ގެ ނިޔަލަށް ފުޓުބޯޅައިގެ ހުރިހާ ހަރަކާތްކަކަން ސަސްޕެންޑް ކުރެވިފައި،" އެފްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެފްއޭގެ މި ނިންމުމަށް ފީފާއިން ވެސް ތާއީދުކޮށްފައިވާ އިރު ފީފާއިން ބުނީ އެފްއޭގެ މި ނިންމުމާ އެކު ސްޓަރިޖްއަށް ދީފައިވާ އަދަބު މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ތަންފީޒުވާނެ ކަމަށެވެ. އަދި ކުރިން އޭނާއަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 75،000 ވަނީ 150،000 އަށް ވެސް ބޮޑު ކޮށްފަ އެވެ.

ލިވަޕޫލަށް ހަ އަހަރު ކުޅުނު ސްޓަރިޖް ވަނީ އެ ޓީމަށް ކުޅެދިން 160 މެޗުގައި 67 ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ. އަދި ގައުމީ ޓީމަށް 26 މެޗު ކުޅެދީ އަށް ގޯލު ޖަހައިދީފައިވާ ސްޓަރިޖްއަށް މި ލިބުނު އަދަބާ އެކު ގިނަބައެއްގެ ނުރުހުން ވަނީ އޭނާއަށް ލިބިފަ އެވެ.

comment ކޮމެންޓް