ދިއްލީ ގޭންގް ރޭޕްގައި ބައިވެރިވި މީހުން ދަންޖެއްސުން އަނެއްކާވެސް ފަސްކޮށްފި

ދިއްލީ ގޭންގް ރޭޕްގައި ބައިވެރިވި މީހުން ދަންޖެއްސުން އަނެއްކާވެސް ވަނީ ފަސްކޮށްފަ --

ދިއްލީ (މާޗް 3): އިންޑިއާގެ ދިއްލީގައި 2012 ވަނަ އަހަރު އަންހެނަކު ރޭޕްކޮށް މަރާލުމުގެ ސަބަބުން މަރަން ހުކުމްކޮށްފައިވާ ހަތަރު މީހުން ދަންޖެއްސުން ދިއްލީގެ ކޯޓަކުން ފަސްކޮށްފި އެވެ.

އެ ހަތަރު މީހުންނަށް މިއަދު މަރުގެ އަދަބު ދޭން ތައްޔާރުކޮށްފައި ވަނިކޮށް އެ އަދަބު ފަސް ކުރީ އޭގެ ތެރެއިން އެކަކު ކަމަށްވާ ޕަވަން ގުޕްތާ އޭނާގެ މަރުގެ ހުކުމް ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވުމަށް ރައީސް ރާމް ނާތު ކޮވިންދުގެ އަރިހުން އެދުމުންނެވެ. އަދި އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ރައީސް ގޮތެއް ނިންމަވަންދެން، ވަކި މުއްދަތެއް ނެތް ގޮތަށް އެ ހަތަރު މީހުންގެވެސް އަދަބު ފަސް ކުރަން އަމުރު ކުރައްވާފަ އެވެ.

އެ މައްސަލައިގައި ކުށް ސާބިތުވި ބާކީ ތިން މީހުން ކަމަށްވާ އަކްޝޭ ތަކޫރާއި ވިނޭ ޝަރުމާ އާއި މުކޭޝް ސިންހުވެސް ވަނީ މީގެ ކުރިން އަދަބު ލުއިކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދިފަ އެވެ. ނަމަވެސް ރައީސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.

އެ ހަތަރު މީހުން މަރަން އެ މައްސަލަ ބެލި ދިއްލީގެ ކޯޓުން ހުކުމް ކުރީ 13 ސެޕްޓެމްބަރު 2013އިގަ އެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި، އެމީހުންގެ މަރުގެ ހުކުމް ދަމަހައްޓާފަ އެވެ. އޭގެ ފަހުން އެ ހަތަރު މީހުން ދަން ޖެއްސުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ މިދިޔަ ޖެނުއަރީ މަހުގެ 22 އެވެ. ނަމަވެސް ފަހުން އެ ތާރީހު ވަނީ ދެ ފަހަރަކު ފަސްކޮށްފަ އެވެ. އެއީ މިދިޔަ މަހުގެ އެކަކަށް އަދި އޭގެ ފަހުން މިއަދަށެވެ.

އެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުން ލަސް ކުރަމުން ދާތީ އިންޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި މަރާލާފައިވާ ދަރިވަރުގެ އާއިލާވެސް ހިމެނެ އެވެ.

ސޯޅަ ޑިސެމްބަރު 2012އިގައި ބަހެއްގެ ތެރޭގައި 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރު ރޭޕް ކުރުމުގައި ހަ މީހަކު ބައިވެރިވި އެވެ. އޭގެ ތެރެއިން އެކަކު ވަނީ ޖަލުގައި މަރުވެފަ އެވެ. އަދި ކުށް ކުރި އިރު އެކަކަށް 18 އަހަރު ނުވާތީ، އޭނާ ވަނީ އިސްލާހީ މަރުކަޒެއްގައި ތިން އަހަރު ހޭދަ ކުރުމުން 2015 ވަނަ އަހަރު މިނިވަންކޮށްފަ އެވެ.

'ނިރްބަޔާ'ގެ ނަން ދީފައިވާ އެދަރިވަރު މަރުވީ އޭނާއަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެހާދިސާ ހިނގިތާ 13 ދުވަސް ފަހުންނެވެ. ހިންދީ ބަހުން "ނިރްބަޔާ"ގެ ނަން ރަމްޒުކޮށްދެނީ ބިރު ކުޑަ، ހިތްވަރުގަދަ އަންހެނާއެވެ.

comment ކޮމެންޓް