"ޝެންގަން ވިސާ ސެންޓަރަކީ މިނިސްޓަރުގެ މަސައްކަތުގެ ނަތީޖާ"

ވިސާ ސެންޓަރު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި ޝެންގަން ވިސާ ސެންޓަރު ހުޅުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޗެކްރިޕަބްލިކް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިލާން ހޮވޯކާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޖަރުމަނު އަދި ޗެކްރިޕަބްލިކް އަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ދޫކުރާނެ ޝެންގަން ވިސާ ސެންޓަރެއް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ހޮވޯކާ ވިދާޅުވީ މީގެ ކުރިން ޝެންގަން ވިސާ ހޯދުމަށް ކޮލަމްބޯ ނުވަތަ ދިއްލީ އަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް ރާއްޖޭގައި ތިބެގެން ވިސާ ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ ހާރިޖީ މަސައްކަތުގެ ކާމިޔާބީ ދައްކައިދޭ ކަމެއް ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އީޔޫ-ރާއްޖެ ޕޮލިސީ ޑައިލޮގްގައި ޝެންގަން ވިސާ ހޯދުމަށް ދިވެހިން ކުރަންޖެހޭ މަސައްކަތާއި ހަރަދުގެ ވާހަކަ މިނިސްޓަރު ދެއްކެވި ކަމަށާއި ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް މިނިސްޓަރު ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވިސާއާއި ނުލާ ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމުގެ އިންތިޒާމުވެސް ކައިރި މުސްތަގުބަލުގައި ހަމަޖެހޭނެކަމަށް ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިނިސްޓަރުގެ އުންމީދު ހާސިލްވާނެ. ދިވެހިންނަށް އީޔޫގެ ގައުމުތަކުން އޮން އެރައިވަލް ވިސާ ލިބޭނެއިންތިޒާމު މާ ދުރުނޫން މުސްތަގުބަލެއްގައި ފަހިވެގެންދިޔުމުގެ އުއްމީދު އެބައޮތް،" ސަފީރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޖަރުމަނު ސަފީރު ޖޯން ރޯޑް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ޖަރުމަނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. އަދި ރާއްޖެއިން ޑިމޮކްރަސީއަށް ކުރި ދަތުރުގައި ޖަރުމަނުން އެހީތެރިވި ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާ އެކު ޖަރުމަނު ދެމިއޮންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އަމާޒަކީ ވިސާއާ ނުލާ ދިވެހިންނަށް ޔޫރަޕުގެ ގައުމުތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

"ލަނޑުދަނޑިއަކީ ރާއްޖޭގެ ރައްޔިތުން ދިވެހި ޕާސްޕޯޓު ހިފައިގެން ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކަށް ދިޔައީމާ، އޮން އެރައިވަލް ވިސާ ޖެހޭނެ ފުރުސަތު ހޯދައިދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް