މާޒިޔާއިން ދެވަނަ ފަހަރަށް ލީގުގެ އައްޑަނަ އުފުލާލައިފި

މާޒިޔާއިން ދިވެހި ލީގުގެ އައްޑަނައާ އެކު --- ފޮޓޯ// މާޒިޔާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ރޭ އީގަލްސް އަތުން ބަލިވި ނަމަވެސް މީގެ ދެ މެޗު ކުރިން ލީގު ކަށަވަރުކޮށްފައިވާ މާޒިޔާއިން ޗެމްޕިއަން އައްޑަނަ އުފުލާލައިފި އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި މާޒިޔާގެ މައްޗަށް އީގަލްސް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް އެ ނަތީޖާއާ އެކު ލީގުގެ ތާވަލަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ އިރު މާޒިޔާއިން ލީގު ނިންމާލީ 21 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ހޯދި އީގަލްސްއަށް 45 ޕޮއިންޓް ލިބޭ އިރު ތިންވަނަ ހޯދި ޓީސީ ސްޕޯޓްސް ކުލަބަށް ލިބުނީ 41 ޕޮއިންޓެވެ.

ރޭގެ މެޗަށް ފަހު މާޒިޔާއަށް ލީގުގެ އައްޑަނަ ހަވާލުކޮށްފައިވާ އިރު ލީގުގެ ޗެމްޕިއަންކަން ހޯދުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ފަރާތުން ދޭ އަގުވަޒަންކުރުމުގެ އެވޯޑެއް އެފްއޭއެމުން ވަނީ އެ ޓީމާ ހަވާލުކޮށްފަ އެވެ. މިއީ މާޒިޔާއިން ދިވެހި ލީގު ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ ލީގު ވެސް މާޒިޔާއިން ކާމިޔާބު ކުރި އިރު އެފަހަރު ވެސް އެ ޓީމުން ލީގު ކަށަވަރު ކުރީ ބާކީ ތިން މެޗު އޮއްވަ އެވެ.

އޭއެފްސީ ކަޕުގެ ޕްލޭ އޮފް ރައުންޑުގައި ސަރަހައްދީ ގަދަބާރެއް ކަމަށްވާ ބެންގަލޫރު އެފްސީ ބަލިކުރުމަށް ފަހު އޭއެފްސީގެ ޖާގައެއް ކަށަވަރުކޮށްފައިވާ މާޒިޔާއިން ރޭގެ މެޗު ފެށީ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ނުހިމަނަ އެވެ. އެގޮތުން އެންމެ ފަހުން ބެންގަލޫރު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ދަނޑުމަތިން ފެށީ މުހައްމަދު އިރުފާން (އިރޭ) އާއި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެކަންޏެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ރީތި ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އީގަލްސްއިންނެވެ. ދެވަނަ ފަހަރު ލީގުގެ ދެވަނަ ހޯދި އީގަލްސްއަށް އެ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން މޮޅު ހުރަހަކުން ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ ކަވަމޯޓޯ އެވެ.

އެއަށް ފަހު އީގަލްސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ.

ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ކުރިއަށް ޖެހި ގޯލެއް ޖެހުމަށް މަސައްކަތް ކުރި އިރު 62 ވަނަ މިނަޓުގައި އީގަލްސްގެ ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެކަމަކު އިބްރާހިމް ވަހީދު (އިއްބެ) ޖެހި ޕެނަލްޓީ އީގަލްސްގެ ކީޕަރު އިބްރާހިމް ސިނާހު ވަނީ މަތަކޮށްފަ އެވެ.

އެއަށް ފަހު އެޓޭކް ވަރުގަދަ ކުރުމަށް މާޒިޔާ އިން ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އިބްރާހިމް އައިސަމް އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކުޅެން އަރުވައިފަ އެވެ. އެކަމަކު އެ ޓީމުން ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އެޅިގެން ދިޔައީ 82 ވަނަ މިނަޓުގައި އަހުމަދު ރިޒުވާން (ރިޒޭ) އިތުރު ގޯލެއް ޖެހުމުންނެވެ.

މެޗުގައި މާޒިޔާއިން ޖެހި ހަމައެކަނި ގޯލު 88 ވަނަ މިނަޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްޕު އެވެ. އީގަލްސް އަކީ މިފަހަރުގެ ލީގުގެ ތިން ބުރުގައި ވެސް މާޒިޔާއަށް ބަލިނުކުރެވުނު ޓީމެކެވެ. ފުރަތަމަ ބުރުގައި 1-1 އިން އެއްވަރުވިއިރު ދެވަނަ ބުރުގެ މެޗުން އީގަލްސް ވަނީ މޮޅުވެފަ އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ރޭގެ މެޗުން މޮޅުވި އީގަލްސް އެވެ. އަދި އެންމެ މޮޅު ކީޕަރަކީ މާޒިޔާގެ ގޯލްކީޕަރު އަފްގާނިސްތާންގެ އޮވޭސް އަޒީޒީ އެވެ. އޭނާ އަކީ ޕްރިމިއާ ލީގަށް ބަދަލުކުރި ފަހުން އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ބިދޭސީ ތިން ވަނަ ކީީޕަރެވެ.

comment ކޮމެންޓް