ތިން ފަހަރު އިންތިހާބު ބާއްވައިގެން ވެސް ނަތަންޔާހޫއަށް އަގުލަބިއްޔަތެއް ނުލިބުނު

ޓެލްއަވީވް (3 މާޗް 2020) : އިސްރާއީލުގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިހޯއްދެވި ނަމަވެސް ސަރުކާރެއް އެކުލަވާލެވޭ ވަރަށް އޭނާގެ ޕާޓީއަށާއި އެޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް ޕާލަމެންޓްގެ ގޮނޑި ނުލިބޭނެކަން އެގްޒިޓް ޕޯލްތަކުން ހާމަވެއްޖެ އެވެ.

އެގްޒިޓް ޕޯލްތަކަކީ ވޯޓުލުމަށްފަހު ނުކުންނަ މީހުންގެ ފަރާތުން އެމީހުން ވޯޓުލީގޮތުގެ މައުލޫމާތު ހޯދައިގެން ކުރާ ހިޔާލު ހޯދުމުގެ ސާވޭއެކެވެ. އެގްޒިޓް ޕޯލްތައް ދައްކާގޮތުން އިސްރާއީލުގެ ޕާލަމެންޓްގެ 120 ގޮނޑީގެ ތެރެއިން ނަތަންޔާހޫގެ ލިކުޑް ޕާޓީ އާއި އެޕާޓީއާ ގުޅިފައިވާ ކަނާތުފިޔައިގެ ޕާޓީތަކަށް ލިބޭނީ 60 ގޮނޑި އެވެ. އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޕާލަމެންޓްގެ އަގުލަބިއްޔަތަކީ 61 ގޮނޑި އެވެ.

އެ ޕޯލްތައް ދައްކާގޮތުން ނަތަންޔާހޫގެ ވާދަވެރިޔާ އަދި އިދިކޮޅު ލީޑަރު ބެނީ ގަންޓްޒް ގެ ބްލޫ އެންޑް ވައިޓް ޕާޓީއަށާއި އެޕާޓީއާ ގުޅިފައިވާ ކުދި ޕާޓީތަކަށް ލިބޭނީ 54 ގޮނޑި އެވެ. އަނެއް 6 ގޮނޑި ކާމިޔާބުކުރާނެކަމަށް ބެލެވިފައިވަނީ މިދެ ޕާޓީއާ ގުޅިފައިނުވާ ވަރަށް ކުދި ޕާޓީތަކުންނެވެ. މިއީ އިސްރާއީލުގެ އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަގުލަބިއްޔަތު ނުލިބި ސަރުކާރެއް އެކުލަވާނުލިވެގެން ބާއްވާ ތިންވަނަ އިންތިހާބެވެ. މިދިޔައަހަރު ދެ އިންތިހާބު ބޭއްވިއިރުވެސް ނަތަންޔާހޫ އަށްވެސް އަދި ގަންޓްޒް އަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މިންވަރަށް ޕާލަމެންޓްގެ ގޮނޑި ލިބިފައެއްނުވެ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް އާއި ސެޕްޓެމްބަރުމަހު ބޭއްވި ދެ އިންތިޚާބުގައި އަޣްލަބިއްޔަތު ނުލިބުމުން އެދެބޭފުޅުންވަނީ ކުދި ޕާޓީތަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގައިވެސް ނާކާމިޔާބުވެފައެވެ. ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔާބުވީ ކޯލިޝަންގައި ބައިވެރިވާ ޕާޓީތަކުން ހުށަހަޅާ ޝަރުތުތަކުގެ ބޮޑުކަމުންކަމަށް އެދެބޭފުޅުން ވިދާޅުވެފައިވެއެވެ.

އިސްރާއީލުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ ވޯޓުލުން ނިމި ވޯޓު ގުނަމުންދާއިރު މިއަދުގެ ވަގުތެއްގައި ވަގުތީ ނަތީޖާ ނެރެވޭނެކަމަށް އިންތިޚާބުތަކާބެހޭ މަސްއޫލުވެރިން ވިދާޅުވެއެވެ. އިސްރާއީލުގެ އާންމު އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 6.5 މިލިޔަންއެވެ. މިދުވަސްވަރަކީ ކޮވިޑް 19 ވައިރަސްގެ ނުރައްކާ އިސްރާއީލަށްވެސް ކުރިމަތިވެފައިވާ ދުވަސްވަރެއްނަމަވެސް ވޯޓުލުމަށް ގިނަ ބަޔަކު ނުކުތްކަމަށް ރިޕޯޓްތައް ބުނެއެވެ.

އިއްޔެގެ އިންތިޚާބަށް ކޭންޕޭންކޮށް އާންމުންގެ ޚިޔާލާ ކުޅެލުމަށްޓަކައި ފާއިތުވި ފަސްމަސްތެރޭގައި ނަތަންޔަހޫވަނީ އާދަޔާ ޚިލާފު މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން އަރަބިންނާ ގާތްވުމުގައި އޭނާ ކާމިޔާބުކަން ދެއްކުމަށްޓަކައި އެމެރިކާގެ އެހީއާއެކު ނަތަންޔާހޫ ވަނީ ސޫދާނުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އެގައުމުގެ އިންތިގާލީ ރައީސް އަބްދުލްފައްތާޙް އަލްބުރުހާން އާ ބައްދަލުކުރައްވައި އެއީ އޭނާ ހޯއްދެވި ކާމިޔާބީއެއްކަމަށް ސިފަކުރައްވާފައެވެ.

އިސްރާއީލަކީ ސަރަހައްދުގައި އެކެހެރިވެފައިވާ ގައުމެކެވެ. އަދި ފަލަސްތީނުގެ ބިންތައް ހިފުމުގެ ސަބަބުން ގައުމެއްގެ ގޮތުގައި އަރަބިން ބަލައިނުގަތުމުގެ ސަބަބުންނާއި ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކުގެ ސަަބަބުން އަނިޔާވެރި އިސްތއުމާރީ ގައުމެއްގެ ގޮތުގައި ސިފަކުރެވޭ ގައުމެކެވެ. އެހެންކަމުން އިސްރާއީލުގެ ވެރިއަކަށް އަރަބި ގައުމެއްގެ ވެރިއަކާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުމަކީ އިސްރާއީލަށް އެތަށް ބިލިޔަން ޑޮލަރަށްވުރެ އަގު ބޮޑު އެއްޗެކެވެ.

ނަމަވެސް ނަތަންޔާހޫ ފަދަ އަނިޔާވެރި ވެރިއަކާ ބައްދަލުކުރެއްވުމުގެ ސަބަބުން ސޫދާނުގެ ރައްޔިތުންވަނީ ބުރުހާނާ ދެކޮޅަށް މުޒާހަރާކޮށް އެއީ ޚިޔާނާތުގެ އަމަލެއްކަމަށް ސިފަކޮށްފައެވެ. މީގެއިތުރުން ފަލަސްތީނުގެ ހުރިހާ ހައްގުތަކެއް ނިގުޅައިގަންނަގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާފައިވާ ސުލްހައިގެ މަޝްރޫއު (ޑީލް އޮފް ދަ ސެންޗަރީ) އިއުލާންކުރުމުގެ ކަންތައްތަކުގައިވެސް ނަތަންޔާހޫވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. އެ ދައުރު އަދާކުރުމުގެ ފުރުސަތު ޓްރަމްޕް ނަތަންޔާހޫ އަށް ދެއްވީ އޭނާއަށް ކޭންޕޭން ކޮށްދެއްވުމުގެ ގޮތުންކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ.

ޑީލް އޮފް ދަ ސެންޗަރީ މަޝްރޫއުގައި ހިމެނޭ ހުރިހާ ބައިތަކެއް ހަމައެކަނި އިސްރާއީލަށް ފައިދާވާގޮތަށާއި ފަލަސްތީނުގެ ހައްގުތައް ގެއްލޭގޮތަށް އޮތުމަކީ ނަތަންޔާހޫ ގެ ކާމިޔާބީއެއްކަމަށް ދައްކަންވެސް އޭނާ ކޭންޕޭންގައި މަސައްކަތް ކުރައްވާފައިވެއެވެ. ފަލަސްތީނުންވަނީ އެ މަޝްރޫއަށް ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ. (އަލްޖަޒީރާ+ ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު